ކ. ދިއްފުށީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން %40 މަސައްކަތް ނިމިފައިވާ ކަމަށް ދިވެހިރާއްޖޭގެ ބޮޑު ކޮންޓްރެކްޓިން ކުންފުނި އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ދަނޑުގައި ބޭނުންވާ މުހިއްމު ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ދިއްފުށި ފުޓްބޯޅަ ދަނޑުގައި ކުރިން ޓާފް އެޅިފައި ހުއްޓަސް، ދަނޑު ވަށާ ފާރާއި ރޮސްޓްރަމް، ޗޭންޖިން ރޫމް ހަދާފައި ނެތެވެ. އަދި ރޭގަނޑު ފުޓްބޯޅަ ކުޅެވޭނެ ގޮތަށް ލައިޓް ވެސް ޖަހާފައި ނުވާތީ، ދަނޑުގެ ފުރިހަމަ ބޭނުންކުރުމަށް ދަތިތަކެއް ކުރިމަތިވެފައި ހުއްޓެވެ. މިހާރު އެމްޓީސީސީން ދަނީ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކުރަމުންނެވެ.
ކުންފުނިން އިތުރަށް ވިދާޅުވީ، ފުޓްބޯޅަ ދަނޑުގައި ބާކީ ކުރަން ހުރި މަސައްކަތުގެ ދަށުން ޕްލާސްޓަރިންގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެމްޓީސީސީން ވިދާޅުވީ، މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދަނީ ރާވާފައިވާ ތާވަލާ އެއްގޮތަށް ކަމަށާއި، މިހާތަނަށް %40 މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީއަކީ، ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން ވަނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައި އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަކެއް އަޅާފައި ހުއްޓަސް، އެ ތަންތަން ހުރީ ފުރިހަމަ ނުވެއެވެ. އެގޮތުން ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްތައް ޖަހާފައި ނުހުރުމާއި ޗޭންޖިން ރޫމާއި ރޮސްޓްރަމް ފަދަ ތަންތަން ގާއިމުކޮށްފައި ނެތުމަކީ ކުރިމަތިވެފައިވާ އާންމު މައްސަލައެކެވެ. އެހެންވެ، މި ސަރުކާރުގެ މުހިއްމު ވިސްނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ނިމިފައިނުވާ ފުޓްބޯޅަ ދަނޑުތައް ފުރިހަމަކޮށް، ރައްޔިތުންނަށް ފުރިހަމަ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.

