ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ފޯރިގަދަ ފެސްޓިވަލަކީ 12 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.
މި ފެސްޓިވަލްގައި 18 އެކަޑަމީއަކުން 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާއިރު، ބައިވެރިވި ހުރިހާ ކުދިންނަށްވެސް ވަނީ މެޑަލް ދީފައެވެ. 1950 ން ފެށިގެން ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓްބޯޅަ ކުޅެން ފަށާފައިވާއިރު، މި ފެސްޓިވަލަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚް އާކޮށް، ކުރިމަގުގެ ކުޅުންތެރިން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ފެސްޓިވަލްގައި ބައިވެރިވި ކުދިން ބުނި ގޮތުގައި، މި ފެސްޓިވަލްގެ ސަބަބުން އެކި އެކަޑަމީތަކުގެ ކުދިންގެ މެދުގައި އެކުވެރިކަން އާލާވެ، ފުޓްބޯޅައިގެ ރޫހާއި ޖޯޝު އިތުރަށް އާލާވިއެވެ. އަދި މިފަދަ ތާރީހީ ފެސްޓިވަލްގައި ބައިވެރިވެ އުފާވެރި ހަނދާންތަކެއް ފަހަށް ރައްކާކުރެވޭނެކަމަށް ބައެއް ކުދިން ފާހަގަކުރިއެވެ. މިއީ ތުއްތު އުމުފުރައިން ފެށިގެން ފުޓްބޯޅައަށް ކުދިންގެ މެދުގައި އޮތް ލޯބި އިތުރުކޮށް، ޝައުގުވެރިކަން ދަމަހައްޓާ ފެސްޓިވަލެކެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ އެކަޑަމީތަކެވެ. ޑައިމަންޑް ޖުބިލީ ފެސްޓިވަލަކީ އެކަޑަމީތަކަށްވެސް ލިބިގެން ދިޔަ ރަނގަޅު ފުރުސަތެކެވެ. މި ފެސްޓިވަލުން ކުރިއަރަމުން އަންނަ ހުނަރުވެރި ކުދިންނަށް އެ ހުނަރުތައް ދައްކާލާ އަދި ކުދިންގެ ބެލެނިވެރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
އެފްއޭއެމްއިން ބުނި ގޮތުގައި، މި އަހަރާއި އަންނަ އަހަރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލް ފަދަ ފެސްޓިވަލްތައް ބާއްވާނެއެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަަށް އެފްއޭއެމްއިން ބާއްވަމުންދާ ފެސްޓިވަލްތަކެކެވެ.

