ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް އެ މަޤާމުން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިޢާދަކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއަށް ލަފާ އަރުވައިފިއެވެ. ކޮމިޓީން މި ނިންމުން ނިންމާފައިވަނީ، މަހްމޫދު ރިޔާޒު މަޤާމުން ވަކިކުރުމަށް މެދުވެރިވި މައްސަލަތަކުގައި އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަމަށް ފާހަގަކުރެވޭތީއެވެ.
މަހްމޫދު ރިޔާޒު ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ މަޤާމުން ވަކިކުރެއްވީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި، ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާ ޚިލާފަށް އެތެރެކުރި މައްސަލައަކާއި، ބޮންޑެޑްވެއާ ހައުސްއިން ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާ ޚިލާފަށް ބޭރުކުރި މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް، މަޖިލީހުގެ ސަލާމަތީ ޚިދިމަތްތަކާބެހޭ ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ކޮމިޓީން ދިރާސާކުރި މައްސަލަތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އޮތްކަމަށް ބެލެވެން ނެތްކަމަށެވެ. އެހެންކަމުން، އޭނާގެ ވަޒީފާ އިޢާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާ އެރުވުމަށް ބުރާސްފަތިދުވަހު ބޭއްވެވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަނީ ވަޒީފާއިން ވަކިކުރައްވާފައެވެ. ނަމަވެސް އޭނާގެ ވަޒީފާ އިޢާދަކޮށްދިނުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެއް ނުވެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އަމަލުކުރައްވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.

