ރަނގަޅު ނިންޖަކީ ދިރިއުޅުމުގެ ސިއްހަތަށް ވަރަށް މުހިންމު އަސާސެކެވެ. ނިދުމަކީ ހަށިގަނޑަށާއި ސިކުނޑިއަށް އަރާމު ލިބިދޭ ވަރަށް މުހިންމު ކަމެކެވެ. ދުވާލުގެ ވަރުބަލިކަމާއި ދިރިއުޅުމުގެ ހަލަބޮލިކަމުގެ ސަބަބުން ނިދުމަށް ދަތިވާ މީހުންނަށް، ކޮޓަރީގައި ގަސް ބެހެއްޓުމަކީ ރަނގަޅު ހައްލެއް ކަމަށް ފާހަގަކުރެވެއެވެ. ނިދާކޮޓަރީގެ މާހައުލު ރަނގަޅު ކުރުމަށްޓަކައި ގަސްތައް ބޭނުންކުރުމަކީ ގުދުރަތީ އަދި ފަސޭހަ ގޮތެކެވެ. ނިދާ ކޮޓަރީގައި ގަސް ބަހައްޓަން ދެކޮޅު މީހުންވެސް ގަސް ބެހެއްޓުމުގެ ހެޔޮ އަސަރުތަކާއި ސިއްޙީ ފައިދާތައް އެނގުމުން، އެކަމަށް ޝައުޤުވެރިވެއެވެ. މިއަދުގެ ފަތިސްތަރީގައި މި ބުނެދެނީ ނިދާ ކޮޓަރީގައި ބެހެއްޓުމުން އޭގެ ފައިދާ އެތައް ގޮތަކުން ލިބޭ ގަސްތަކެއްގެ ވާހަކައެވެ. އަރާމު ނިންޖެއް ނުނިދޭކަމަށް ވާނަމަ، ކޮޓަރީގައި ބައެއް ގަސްތައް ބެހެއްޓުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. މި ގަސްތަކުން ކޮޓަރީގެ ވައި ތާޒާކޮށް، ހިތް ހަމަޖައްސައިދީ، ނިދި ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.
ނިދި ރަނގަޅުކުރުމަށް ކޮޓަރީގައި ބަހައްޓަން ރަނގަޅު ބައެއް ގަސްތައް ތިރީގައި މިވަނީއެވެ:
ޖޭސްމިން ގަސް : ޖޭސްމިން ގަހަކީ ނިދުމަށް ވަރަށް ފައިދާހުރި ގަހެކެވެ. މި ގަހުގައި ފޮޅޭ މަލުގެ ފިނިފިނި ފޮނި ވަހުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުން ދުރުކޮށް، ސިކުނޑިއަށް އަރާމު ލިބިދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޖޭސްމިންގެ ވަހަކީ ނިދުމުގެ ފެންވަރު ރަނގަޅުކޮށްދީ، އަދި ދުވާލު ގަޑީގައި ސަމާލުކަމާއި އުފެއްދުންތެރިކަން އިތުރުކޮށްދޭ ވަހެކެވެ. މި ގަސްތަކަކީ ތަށިގަނޑެއްގައި ބަހައްޓައިގެން ފަސޭހައިން ހައްދާލެވޭނެ ރީތި ގަސްތަކެކެވެ.
ޕީސް ލިލީ : ޕީސް ލިލީއަކީ އެއަރ ޕިއުރިފައި ކުރުމުގައި ނާސާ އިން ކުރި ދިރާސާތަކުން އެންމެ މަތީ ރޭންކެއް ލިބުނު ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެކެވެ. މި ގަހުން ވައި ތާޒާކޮށް، ނުރައްކާތެރި މާއްދާތައް ކެނޑިގެންދާ މިންވަރު މަދުކޮށް، ކޮޓަރީގެ ތެތްކަން ހިފެހެއްޓުމަށް އެހީވެދެއެވެ. މީގެ ސަބަބުން ނިދުމަށް ފަސޭހަވެ، ހަމަޖެހޭ މާހައުލެއް ގާއިމު ކޮށްދެއެވެ.
ލެވަންޑަރ : ލެވަންޑަރއަކީ އޭގެ މީރުވަހުގެ ސަބަބުން ވަރަށް މަޝްހޫރު ގަހެކެވެ. ހަމައެހެންމެ ލެވަންޑަރ އަކީ މަރުކަޒީ ނާރުތަކުގެ ނިޒާމު ހަމަޔަކަށް އަޅުވައި، ސްލޯ ވޭވް ސްލީޕް އިތުރުކޮށްދޭ ގަހެކެވެމި ގަހުގެ ވަހުން ހިތް ހަމަޖައްސައިދީ، ހާސްކަން ކުޑަކޮށް، ހިތުގެ ވިންދު މަޑުކޮށް، ބްލަޑް ޕްރެޝަރ ދަށްކުރުމަށް އެހީވެދެއެވެ. މީގެ ސަބަބުން އަރާމު ނިންޖެއް ލިބުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުންވެސް ތުއްތު ކުދިންނަށް ލެވަންޑަރގެ ވަސް ދެއްކުމުން ހަމަޖެހި، ފުން ނިދިއަކަށް ދިއުމަށް އެހީތެރިވެ، މައިންގެ ކަންބޮޑުވުންވެސް ދުރުކޮށްދެއެވެ. ލެވަންޑަރ ގަސް ބެލެހެއްޓުމަކީ ފަސޭހަ ކަމެކެވެ؛ އެއަށް ބޭނުންވަނީ ގިނަ އަވީގެ އަލިކަމާއި ކުޑަކޮށް ފެން އެޅުމެވެ.

ޖޭސްމިން، ލެވެންޑަރ، އެލޯވެރާފަދަ ގަސްތަކުން ކޮޓަރީގެ ވައި ތާޒާކޮށް، ހިތް ހަމަޖައްސައިދީ، ނިދި ރަނގަޅުކުރުމަށް އެހީތެރިވެދޭ—-ފޮޓޯ: މައިހެލްތުޓިޕްސް
އެލޯވެރާ : އެލޯވެރާއަކީ ވެސް ރޭގަނޑު އޮކްސިޖަން ދޫކޮށް، ކޮޓަރީގެ ވައި ތާޒާކޮށްދޭ ގަހެކެވެ. ނާސާ އިން ކޮށްފައިވާ ދިރާސާތަކުން އެލޯވެރާއަކީ ވައި ތާޒާކުރުމަށް އެންމެ ރަނގަޅު ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެއްކަން ވަނީ ފާހަގަކޮށްފައެވެ. އެލޯވެރާ ގަހުން ރޭގަނޑު އޮކްސިޖަން ދޫކޮށް، ބެންޒީން އަދި ފޯރމަލްޑައިޑް ފަދަ ވިހަ މާއްދާތައް ސާފުކޮށްދީ، ނިދުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ނިދި ރަނގަޅުވެ، ހަމަޖެހިގެން ނިދުމަށް އެހީތެރިވެދެއެވެ. އެލޯވެރާ ގަސް ބެލެހެއްޓުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިއީ ފެން ނުދީ ތިން ހަފުތާއާ ހަމައަށްވެސް ބެލެހެއްޓޭ، އާލާކުރަން ފަސޭހަ ގަހެކެވެ.
އިނގްލިޝް އައިވީ : އިނގްލިޝް އައިވީ އަކީ ވައި ސާފުކޮށްދިނުމުގައި ވަރަށް މޮޅު ގަހެކެވެ. ނާސާއިން ވެސް ފާހަގަކޮށްފައިވާ މި ގަހުގެ ސަބަބުން ވައިގެ ތެރޭގައި ހުންނަ ބެންޒީން، ފޯމަލްޑައިޑް އަދި މޮލްޑް ފަދަ ގެއްލުންހުރި މާއްދާތައް ދަމައިގަނެއެވެ. ވައި ސާފުވުމުގެ ސަބަބުން އެލާޖީ އަދި ނޭވާހިއްލާ މީހުންނަށް ރޭގަނޑު އަރާމު ނިދި ލިބި، ނިދުމުގެ ފެންވަރު ރަނގަޅުވެއެވެ.
ސްޕައިޑަރ ޕްލާންޓް : ސްޕައިޑަރ ޕްލާންޓް އަކީ ވެސް ވައި ސާފުކުރުމަށް ވަރަށް ރަނގަޅު ގަހެކެވެ. މި ގަހުން ފޯމަލްޑިހައިޑް، ކާބަން މޮނޮކްސައިޑް، ބެންޒީން އަދި އެމޯނިއާ ފަދަ ވައިގެ ނުރައްކާތެރި މާއްދާތައް ދުރުކޮށް، ވައިގެ ފެންވަރު ރަނގަޅުކޮށްދެއެވެ. މީގެ ސަބަބުން ނިދި ރަނގަޅުވެ، ހަމަޖެހުން ލިބެއެވެ. އަދި ކޮޓަރީގެ ތެތްކަން އިތުރުކުރުމަށް ވެސް އެހީވެދެއެވެ.
ސްނޭކް ޕްލާންޓް : ސްނޭކް ޕްލާންޓް ނުވަތަ ދިވެހީން "ހަރުފަ ގަސް" ގެ ނަމުންވެސް ދަންނަ ގަހަކީ ކޮޓަރީގައި ބަހައްޓަން ވަރަށް ރަނގަޅު ގަހެކެވެ. މި ގަހުގެ އެންމެ ޚާއްސަ އެއް ސިފައަކީ، ގިނަ ގަސްގަހާ ގެއްސާ ޚިލާފަށް، ރޭގަނޑު އޮކްސިޖަން ދޫކޮށް، ކާބަން ޑައިއޮކްސައިޑް ނެގުމެވެ. މީގެ ސަބަބުން ކޮޓަރީގެ ވައިގެ ފެންވަރު ރަނގަޅުވެ، ނިދި ހަމަޖެހުމަށް އެހީވެދެއެވެ. މީގެ އިތުރުން ފޯމަލްޑިހައިޑް، ބެންޒީން، ޒައިލީން އަދި ޓްރައިކްލޯރޮއެތިލީން ފަދަ ވައިގެ ނުރައްކާތެރި މާއްދާތައް ދުރުކުރުމަށް ވެސް އެހީވެދެއެވެ.
މި ގަސްތައް ކޮޓަރީގައި ބަހައްޓައިގެން، ވައިގެ ފެންވަރު ރަނގަޅުކޮށް، ހިތް ހަމަޖެހޭ މާހައުލެއް ގާއިމުކޮށް، އަރާމު ނިންޖެއް ލިބިގަތުމަށް މަސައްކަތް ކުރައްވާށެވެ.
ނިދުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިފަދަ ގަސްތައް ނިދާކޮޓަރީގައި ބެހެއްޓުމަކީ ފަސޭހަ އަދި ގުދުރަތީ ހައްލެކެވެ. މިކަމުގެ ސަބަބުން ރޭގަނޑު ފުން ނިދި ލިބި، ހެނދުނު ތާޒާކަމާއި ޒުވާންކަން އިހުސާސް ކުރެވިގެން ހޭލެވޭނެއެވެ. މި ގުދުރަތީ ފަރުވާ ތަޖުރިބާކޮށްލުމަކީ ނިދުމުގެ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

