އައްޑޫ ސިޓީގެ ފޭދޫގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ހަދާ “ހިޔާވަހި” އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިސްރަށްވެހިންނަށް ދައުލަތުގެ ބެލުމުގެ ދަށުން ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ އެއް މަސައްކަތެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ އެއް ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރުތައް ގާއިމުކުރެވޭނެކަމަށް ވައުދުވެވަޑައިގެންފައެވެ. ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް ހާއްސަ މަރުކަޒެއް އެޅުމަށް ރައީސް ނިންމެވީ މިދިޔަ އަހަރުއެވެ.
އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރެވެމުންދާ މި މަރުކަޒަކީ، ރައީސްގެ ވައުދުފުޅުގެ ދަށުން ގާއިމުކުރެވޭ ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރެވެ. މި މަޝްރޫއު މިހާރު ލިޓަސް އޮޓޯމޮބައިލްސްއާ ހަވާލުކުރެވިފައި ވުމާއެކު، މަސައްކަތް ބާރަށް ކުރިއަށްދާނެކަމަށް ބެލެވެއެވެ. މި މަރުކަޒުތަކުގެ މައިގަނޑު މަގްސަދަކީ، ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ އިސްރަށްވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު، އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމެވެ.
އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ސަރުކާރުން ދަނީ އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. ދާދި ފަހުން އިސްރަށްވެހިންގެ ނާދީގެ ނަމުގައި ހުޅުމާލޭގައި މަރުކަޒެއް ހުޅުވާފައިވާއިރު، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން، ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައްވެސް ވަނީ އެކަށައަޅުއްވާފައެވެ.
އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރެވޭ “ހިޔާވަހި” މަޝްރޫއަކީ، އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އެފަރާތްތަކަށް ދައުލަތުގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

