ޚާއްސަ ކުލަގަދަ ރަސްމިއްޔާތަކާއެކު ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިއްޖެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ދެކަނބަލުންނެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައި ބާއްވާ މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުންނާއި، އަދި އެ ސަރަހައްދުގެ ރައްޔިތުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިރޭގެ ރަސްމިއްޔާތުގެ އެންމެ ހާއްސަ އެއް ހަރަކާތަކީ، ރަންވޭ ބޮޑުކޮށް ގެނެސްފައިވާ ބަދަލުތަކާއެކު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް ޖެއްސުމެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ.
ރައީސްއާއި ރަސްމިއްޔާތުގެ މެހުމާނުންނަށް މަރުޙަބާ ދެންނެވުމަށް ސަޤާފީ ހުށައެޅުމެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން ހަނިމާދުއާއި މި ސަރަޙައްދުގެ 13 ރަށެއް ހިމެނޭހެން ޚާއްސަ ފަރިކޮޅެއް އެރުވުމަށްވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން 50އަށްވުރެ ގިނަ ކޭން ލުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ފޯރިގަދަކޮށްލުމުގެ ގޮތުން ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ތިން އަހަރަށްފަހު ނިމުމަކާ ހަމައަށް އައިސްފައިވާ މި މަޝްރޫޢަކީ މުޅި އުތުރުގެ ތަރައްޤީއާއި ގުޅިފައިވާ ވަރަށް މުހިންމު މަޝްރޫޢެކެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަޙައްދުގެ ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކާ ގުޅިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ތައްޔާރީތަކުގައި ރަށުގެ ރައްޔިތުން ދައްކަމުންދާ ފޯރިން ދައްކުވައިދެނީ މި މަޝްރޫޢަށް ރައްޔިތުން ދެމުންދާ އެއްބާރުލުމާއި އެކަމަށް އޮތް ބޮޑު އުއްމީދެވެ. އެގޮތުން، އެއަރޕޯޓް ސަރަޙައްދު ސާފުކުރުމަށް ގޮވާލާ ކޮންމެ ވަގުތެއްގައިވެސް ރައްޔިތުން ނިކުމެ ދައްކަމުންދަނީ ހިތްވަރެވެ.
ހަނިމާދޫއާއި މުޅި ބޮޑުތިލަދުންމަތީގެ އުއްމީދާއި ތަރައްޤީއާ ގުޅިފައިވާ މި މަޝްރޫޢާއެކު އަހަރަކު 1.3 މިލިޔަން ޕަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން މުޅި ސަރަޙައްދަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ބެލެވެއެވެ.

