ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް ނިކުންނާނީ ތަށި ދިފާއު ކުރުމަށްކަމަށް އެޓީމުގެ ކޯޗު އަހުމަދު މުހައްމަރު ބުނެފިއެވެ.
ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު ޓޮޕް ބްރަދާސް ކާމިޔާބު ކުރީ މަރަޓާ ވާދަކޮށް 3-1 ސެޓުންނެވެ.
ނިލަންދޫ ރާވެރިޔާ ވޮލީ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އަދި ރޭގަނޑުއެވެ. ހަވީރު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ގެމަނަފުށީ އަންހެން ވޮލީ ކުލަބު ނިކުންނާނީ ބޮންބޮން ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. އަނެއްކޮޅުން މާދަމާ ރޭ އޮންނަ ފައިނަލްގައި ފިރިހެން ޑިވިޝަންގައި ގެމަނަފުށީ ވޮލީ ކުލަބު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސްއާއި ދެކޮޅަށެވެ.
މި މުބާރާތުގައި ޓޮޕް ބްރަދާސް ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ކުޅުނު ހުރިހާ މެޗެއް ޓޮޕް ބްރަދާސްއިން ކާމިޔާބު ކުރިއެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗުގެ ސެޓުތައް ޓޮޕް ބްރަދާސް ކާމިޔާބު ކުރީ 25/12،25/20 އަދި 25/21 އިންނެވެ.
މި މެޗަށް ނިކުތުމުގެ ކުރިން ޓޮޕް ބްރަދާސްގެ ކޯޗު މުއައްމަރު ހުވަދޫއަށް ވިދާޅުވީ، މާދަމާ ރޭގެ ފައިނަލް މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށާއި، ގްރޫޕް ސްޓޭޖުން މޮޅުވެފައި އޮތުމުން އެކަމުގެ އެޑްވާންޓޭޖެއް ފައިނަލް މެޗަކަށް ނޯންނާނެ ކަމަށެވެ. އަނެއް ކޮޅުން އެޓީމުގައި ހިމެނޭ ފޮރިން ޕްލޭޔަރު ހުޒަންޓޭ އަކީ މޮޅު ކުޅުންތެރިއެއްކަމަށާއި، މި މުބާރާތުގައި އެންމެ މޮޅަށް ކުޅޭ އެއްކުޅުންތެރިޔާ ކަމަށެވެ. މީގެ އިތުރުން ގެމަނަފުށީ ޓީމްގައި ހިމެނޭ އަލީ އަކްބަރު އަކީ ސީނިއަރ ގައުމީ ޓީމަށްވެސް ކުޅުނު މޮޅު ކުޅުންތެރިއެއް ކަމަށެވެ. މި ހުރިހާ ކަމަކަށް ބަލައި މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށެވެ. ޓީމުގައި ކުޑަކުޑަ އެންޖަރީގެ މައްސަލަތައް ހުރި ކަމަށްވިޔަސް ހުރިހާ ކުޅުންތެރިންގެ ފުލް ސްޓްރެންތް މިމެޗުގައި ނެރޭނެ ކަމަށް ސިފައިންގެ ވޮލީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު މުއައްމަރު ވިދާޅުވިއެވެ.
ތަށ ހޯދުމަށްވުރެ، ތަށި ދިފާއު ކުރުން އެއީ އުނދަގޫ ކަމެއް. ޓީމް އޮތީ ވަރަށް ބަދަހިކޮށް، މުޅި ޓީމް އޮތީ ތަށި ދިފާއު ކުރުމަށް- ކޯޗު މުއައްމަރު
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައި ވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ. . އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ.
އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

