ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ދިމާވެފައިވާ ހާލަތާ ގުޅިގެން ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން، އެ ގައުމުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ޓްރެއިނިންގ ކޭމްޕަކަށް މާދަމާ ރާއްޖެ އަންނާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ވިދާޅުވެއްޖެއެވެ. މި ޓީމް ރާއްޖެ އަންނަނީ އަންނަ އަހަރު ސައުދި އަރަބިއްޔާގައި އޮންނަ އެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ވަނީ އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ އެ ގައުމުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕެއް ރާއްޖޭގައި ބާއްވައި ދިނުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި އެދިފައެވެ. މި އެދުމާ ގުޅިގެން އެފްއޭއެމް އިން ވަނީ މިކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.
އޭއެފްސީ އޭޝިއަން ކަޕްގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ދޭން ނިންމީ މިކަމާ ގުޅިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެފްއޭއެމްގެ އިސްވެރިން ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ. ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ގައުމީޓީމުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާތީ، އެ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމަށް ހިނގާ ހުރިހާ ހަރަދުތަކާއި އިންތިޒާމްތައް ހަމަޖެއްސުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
މި ދަތުރުގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ދެ އެކުވެރި ކަމުގެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗްތައް ކުޅޭނީ މި މަހުގެ 13 އަދި 15 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ރޭގަނޑު 9:00 ޖަހާއިރެވެ.
އަދި ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރާ މި މެޗްގައި ސްވެނިއާ ޓިކެޓް ވިއްކުމަށްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން ކޮންމެ މެޗެއްގައިވެސް ސްވެނިއާ ޕްލެޓިނަމް (1000ރ.) ގެ 50 ޓިކެޓާއި، ސްވެނިއާ ގޯލްޑް (500ރ.) ގެ 200 ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާ ކުރަން ނިންމާފައިވާކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގައި ޓްރެއިނިން ކޭމްޕް ނިންމުމަށް ފަހު، ފަލަސްތީނުގެ ޓީމް މި މަހުގެ 19 ވަނަ ދުވަހު އިންޑިއާއަށް ދާނީ ކޮލިފައިން މެޗްތައް ކުޅުމަށެވެ. މީގެ އިތުރުން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޮލިފައިން މެޗްތައް ކުޅޭނީ މި މަހުގެ 22 އިން 30 އަށް ތައިލެންޑްގައެވެ. މި މެޗްތަކުގައި ރާއްޖޭން ވާދަކުރާނީ ތައިލެންޑް، ތުރުކިސްތާން އަދި ކުވައިތާއެވެ.
އިސްރާއީލުން ފަަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 63،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ ކުޅިވަރުގެ ދާއިރާގެ 800 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.
ޕީއެފްއޭއާ ހަވާލާދީ މި މަހުގެ ހަތް ވަނަ ދުވަހު އަނަޑޯލް އެޖެންސީން ރިޕޯޓްކޮށްފައިxxxވާ ގޮތުގައި ފާއިތުވި 22 މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 808 އެތުލީޓުންގެ ތެރޭގައި 421 ފުޓުބޯޅަ ކުޅުންތެރިން ހިމެނޭ އިރު، އޭގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އެންމެ ފަހުން ޝަހީދުވެފައި ވަނީ ފަލަސްތީނުގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސުލައިމާން އަލް އުބައިދެވެ.

