ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދިނުމުގެ ދޮރު އިތުރަށް ހުޅުވާލުމަށްޓަކައި، ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި އިސްލާހުގެ ދަށުން، ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި 15 އަހަރު ހިންގާފައިވާ، ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާ މަރުކަޒުތަކަށް ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
މި ބިލަކީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ގާނޫނުގައިވާ ޔުނިވާސިޓީ ހިންގޭނެ ޝަރުތުތައް މުރާޖައާކޮށް އިސްލާހުކުރުމެވެ.
ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހިމަނާފައިވާ އާ ޝަރުތުތަކުގެ ތެރޭގައި، އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ، ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށްވުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ފުރިހަމަވާންޖެހޭ ވަކި ޝަރުތުތަކެއް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ޔުނިވާސިޓީއަކަށް ބަދަލުވުމަށް ކޮލެޖުތަކުން ފުރިހަމަ ކުރަންޖެހޭ މުހިންމު ޝަރުތުތައް:
- ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން 3 ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން.
- އެ ކޮލެޖެއްގައި ހިންގާ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުން ގެންދިޔުން.
- ބައިނަލްއަގްވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން.
- ބައިނަލްއަގްވާމީ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރުދުވަސް ހޭދަކޮށްފައިވުން.
- ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް، ބޭރުގެ ޔުނިވަސިޓީތަކާއި، ޖަމާއަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
- އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން %10 އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން.
- އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުން.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރެއްވުމާއެކު، މި ބިލު މިހާރު ވަނީ ގާނޫނަކަށްވެ އަމަލުކުރަން ފަށާފައެވެ. މިއީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ މުހިންމު އިސްލާހެކެވެ.

