ޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖުމްލަ 27 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ޖުމްލަ 27 މިލިއަން ދިވެހި ރުފިޔާ، ޝަރުތު ހަމަވި 5 ސިޔާސީ ޕާޓީއަކަށް މިހާރު ޖަމާކޮށްދީފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރައްވައެވެ. މި ފައިސާ ދޫކުރެވުނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން، ޕާޓީތައް ހިންގުމަށް އެހީތެރިވުމުގެ މަޤްސަދުގައެވެ.
އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ ފަސް ޕާޓީއެއްގައެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC)، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP)، ޖުމްހޫރީ ޕާޓީ (JP)، ޢަދާލަތު ޕާޓީ (AP) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) އެވެ. މި ފައިސާ ޕާޓީތަކުގެ ބޭންކު އެކައުންޓުތަކަށް ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.
އިލެކްޝަންސް ކޮމިޝަނުން ދައުލަތުގެ މީޑިއާ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ޕާޓީއަކަށްވެސް ފައިސާ ޖަމާކޮށްދީފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޢުލޫމާތުދެއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު:
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) – 13,316,689.57ރ
- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) – 8,454,780.51ރ
- ޖުމްހޫރީ ޕާޓީ (JP) – 2,656,598.57ރ
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) – 1,769,648.69ރ
- ޢަދާލަތު ޕާޓީ (AP) – 1,713,538.65ރ
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ. މިގޮތުން 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ 5 ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެންމެ މެންބަރުން ގިނައީ ޕީއެންސީގައެވެ.
ފައިސާ ދޫކުރި ޕާޓީތަކުގައި ހިމެނޭ މެންބަރުންގެ ޢަދަދު (ޖޫން 30، 2024 އާ ހަމައަށް):
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) – 68,665 މެންބަރުން
- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) – 43,765 މެންބަރުން
- ޖުމްހޫރީ ޕާޓީ (JP) – 13,456 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) – 9,011 މެންބަރުން
- ޢަދާލަތު ޕާޓީ (AP) – 8,844 މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (MTD) އުވާލުމުގެ މަސައްކަތް އެކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.

