ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން، “އައި ލަވް އެޗްއެމްއެލް” ގެ ނަމުގައި މޮނިއުމެންޓެއް ބަހައްޓައިފިއެވެ. މި މޮނިއުމެންޓް ބަހައްޓާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މޮނިއުމެންޓް ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.
އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ މަލްޝާ ޝަރީފް ވިދާޅުވީ، މި މޮނިއުމެންޓް ބެހެއްޓުމުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެއަކީ ޑެސްޓިނޭޝަންއެއްގެ ގޮތުގައި މާކެޓްކުރުމާއި، ބްރޭންޑް އައިޑެންޓިޓީއެއް ގާއިމްކުރުން ކަމަށެވެ. މީގެ އިތުރުން “އެޗްއެމްއެލް” އަކީ ހުޅުމާލެ ކުރުކޮށް ކިޔާ ގޮތް ކަމަށް ވެސް މަލްޝާ ވިދާޅުވިއެވެ. “ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކެކޭ އެއްގޮތައް އައިކޯނިކް އައިޑެންޓިޓީއާއި އެއްގޮތައް އައިލަވް އެޗްއެމްއެލްގެ ގޮތުގައި މިސާލަކަށް ނިއުޔޯކް ސިޓީ ކަހަލަ ތަންތާގައި ވެސް އެންވައި ބޭނުން ކުރާ ގޮތަށް، އެންވައިއޭ ބުނީމަ މީ ނިއުޔޯކް ސިޓީކަން އެނގޭ ގޮތައް ކުރިއަށް އޮތްތަނުގައި އެޗްއެމްއެލްއޭ ބުނީމަ މީ ހުޅުމާލެކަން އެނގޭ ގޮތަށް އެ ލެވެލްއަށް އަޅުގަނޑުމެން ބޭނުންވަނީ ހުޅުމާލެ ސިޓީއެއްގެ ގޮތުގައި ޕްރޮމޯޓްކުރަން،” މަލްޝާ ޝަރީފް ވިދާޅުވިއެވެ.
މަލްޝާ ޝަރީފް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ހުޅުމާލެއަކީ ދިވެހިރާއްޖޭގައި އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންނާއި ބޭރުގެ ގިނަ ފަރާތްތަކެއްވެސް މިރަށުގައި ދިރިއުޅެމުންދެއެވެ. މީގެ އިތުރުން ގިނަ ގެސްޓް ހައުސްތަކެއް ހިންގަމުންދާތީ، ޓޫރިސްޓުން ވެސް ގިނައިން ޒިޔާރަތްކުރާ ރަށަކަށް ހުޅުމާލެ ވެފައިވާތީ، މިފަދަ މޮނިއުމެންޓެއް ބެހެއްޓުމަކީ ހުޅުމާލެ ސިޓީ ޕްރޮމޯޓް ކުރުމަށް ވަރަށް ރަނގަޅު ކަމެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މި މޮނިއުމެންޓްގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ހުޅުމާލެއަށް ނިސްބަތްވުމުގެ އިހުސާސް އުފެދި އާލާވެގެންދާނެ ކަމަށްވެސް މަލްޝާ ވިދާޅުވިއެވެ.
އެޗްޑީސީން ވަނީ ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތަފާތު މޮނިއުމެންޓްތައް ބަހައްޓާނެ ކަމަށް ހާމަކޮށްފައެވެ. މީގެ ތެރޭގައި “އައިލަވް ހުޅުމާލޭ”ގެ އިތުރުން “މަގޭ ހުޅުމާލެ” ކަހަލަ މޮނިއުމެންޓްތައް ހިމެނޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ހުޅުމާލެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން މި މޮނިއުމެންޓް ކައިރީ ފޮޓޯ ނަގާ، ސޯޝަލް މީޑިއާގައި ހިއްސާކޮށް އެޗްޑީސީ ނުވަތަ މައި ހުޅުމާލެ ޕޭޖްއަށް ޓެގްކުރުމަށް އެޗްޑީސީ އިން ވަނީ އެދިފައެވެ.

