ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ ލެބޯރޓަރީގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހިންގުމަށް ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ ޖައިޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކުރިއަށް ގެންދާނީ ލެބޯރޓަރީ އެޅުމަށްޓަކާ ފިސިބިލިޓީ ސްޓަޑީ ހެދުމާއި، ޢިމާރާތް ޑިޒައިންކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވައިޒް ކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތަށް 1.23 މިލިއަން ޑޮލަރު ނުވަތަ 18.9 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. އަދި ޖައިޓެކް ކޮންސަލްޓިންގ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓިއަން ޖެމިނޮންއެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ޖުމްލަ 1،230،160.64 ޑޮލަރަށެވެ.
މަސައްކަތް ނިންމުމަށް ވަކި މުއްދަތުތަކެއް ވަނީ ކަނޑައަޅާފައެވެ. ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، ޑިޒައިންގެ މަސައްކަތް 145 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މީގެ ފަހުން، ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވަވިޝަން އަދި ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމެންދެން މަސައްކަތް ބެލެހެއްޓުމުގެ ޒިންމާ ވެސް ޖައިޓެކްއާ ވަނީ ޙަވާލުކޮށްފައެވެ.
ސިއްޙީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މިހާރު ޤައުމީ ޞިއްޙީ ލެބޯރޓަރީ ހިންގަމުންދަނީ ވުޒާރާ ހިންގާ ޢިމާރާތުގައި ކަމަށްވުމުން، ޖާގައިގެ ދަތިކަމާހުރެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރެއެވެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ހުޅުމާލޭގައި ޤާއިމުކުރާ މި ލެބޯޓަރީއަކީ ބަޔޯސޭފްޓީގެ ލެވެލް 3 ގެ މިންގަނޑުތަކަށް ތަރައްޤީކުރެވޭ، 12 ފަންގިފިލާގެ ޒަމާނީ ވަސީލަތްތައް ހިމެނޭ އެޑްވާންސް ފެންވަރުގެ ލެބޯޓަރީއެކެވެ. މި މަޝްރޫޢަށް ފަންޑުކުރަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި ދިވެހި ސަރުކާރުންނެވެ. މަޝްރޫޢު ދެ ފިޔަވައްސަކަށް ބަހާލާފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ދިރާސާތަކާއި ޑިޒައިން ނިމުމަށްފަހު، ދެވަނަ ފިޔަވަހީގައި އަންނަ އަހަރު އިމާރާތްކުރުމާއި އިކުއިޕްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
މި ލެބޯޓަރީގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ވުޒާރާއިން ވިދާޅުވާ ގޮތުގައި މިތަނުގައި ވައިރޮލޮޖީ ރިސްކް ލެވެލް 2 އާއި 3 ވައިރަސްތައް ތަޙްލީލުކުރުމުގެ އިންތިޒާމުތަކާއި، ބެކްޓީރިއޮލޮޖީގެ ތަޙްލީލުތައް ކުރެވޭނެއެވެ. މީގެ އިތުރުން، މިހާރު ދެވޭ ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ރާއްޖެއަށް އެތެރެކުރެވޭ އަދި ރާއްޖެއިން ބޭރުކުރެވޭ މިފަދަ ތަކެތި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއެކު ތަހުލީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އަދި މި ލެބޯޓަރީގައި މައިކޮލޮޖީ (ފަންގަސް ދިރާސާކުރުން)، އެންޓޮމޮލޮޖީ (ސޫފާސޫފި ދިރާސާކުރުން) އަދި ޕެރަސައިޓޮލޮޖީ (ބަލިޖައްސާ ފަނިފަކުސަ ދިރާސާކުރުން) ފަދަ ދާއިރާތަކުން ދިރާސާތަކާއި ތަޙްލީލުތައް ކުރެވޭނެއެވެ. މި އިމާރާތުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރ ވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވުމާއެކު، ޞިއްޙީ ދާއިރާގެ ދިރާސާތައް ކުރުމުގެ މަގު ފަހިވެ، ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

