ހަވާ އެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މަޝްރޫޢަކީ ތިން އަހަރަށް ފަހު ނިމުމަކަށް އައިސްފައިވާ، މުޅި އުތުރުގެ ތަރައްޤީ އަށް ވަރަށް މުހިންމު މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނިމާދޫއަށް މިރޭ ވަޑައިގަތީ މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއްގައެވެ. މިއީ ނެރޯ ބޮޑީގެ އެންމެ ބޮޑު އެއަރ ކްރާފްޓްތަކުގެ ތެރޭގައި ހިމެނޭ މަތިންދާބޯޓެއް ހަނިމާދޫއަށް ޖެއްސި ފުރަތަމަ ފަހަރެވެ. ހަނިމާދޫއަށް ނިސްބަތްވާ ޕައިލެޓަކާއެކު މި މަތިންދާބޯޓު ޖެއްސުމާއެކު އެއަރޕޯޓުން ވޯޓަރ ސެލިއުޓެއް އަރުވާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ އެއިރޯ ބްރިޖުން ޓަރމިނަލަށް ފައިބާވަޑައިގަތުމާއެކު އެމްއޭސީއެލްއާއި، ސަރުކާރުގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ އާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސަރުކާރުގެ ވަޒީރުންނާއި، ބޮޑު ތިލަދުންމަތީގެ އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއަށްފަހު، ރަސްމިއްޔާތުގެ ތެރެއިން ވަނީ ކުލަގަދަ ހަވާ އެރުވުމާއި ލައިޓް ޝޯވއެއް ކުރިއަށް ގެންގޮސްފައެވެ.
އައު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ. އައު ޓަރމިނަލުން އޭ-320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރާއެކު މުޅިން އައު ކާގޯ ޓާމިނަލެއްވެސް މި އެއަރޕޯޓުގައި ވަނީ ތަރައްގީ ކޮށްފައެވެ. އަދި އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖުވެސް ޤާއިމް ކޮށްފައި ވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

