ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމާއެކު، އެ ސަރަހައްދުގެ އިޤްތިޞާދާއި ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމަށާއި އެއީބޮޑު ތިލަދުންމަތީގެ މުސްތަގުބަލަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، މި އެއަރޕޯޓަކީ ބޮޑު ތިލަދުންމަތީގެ އިޤްތިސާދަށް އައު ދިރުމެއް ގެނެސްދޭނެ ތަނެއްކަމަށާއި، އުތުރުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ބޮޑު ތިލަދުންމަތީގެ ތަޅުދަނޑިއެވެ. ޝަރީފް ވިދާޅުވީ،
“މުޅި ބޮޑު ތިލަދުންމަތި ހޭލައިފި. ބޮޑު ތިލަދުންމަތި ހޭލައިގަތީ ވައިގެ ބަނދަރެއްގެ ސިފައިގައި ފެންނަން މި އޮތް އިޤްތިސާދީ ބޮޑު މަސައްކަތުގެ ފަހަތަށް އުފަންވެގެން އަންނާނެ ވަޒީފާގެ އެތައް ފުރުސަތުތަކާ. ބޭރު ފައިސާ ލިބޭނެ މަޝްރޫއެއްކަން. އެއީ މުޅި ބޮޑު ތިލަދުންމަތި ދިއްލާލި ބޮޑު ދަންމަރެއް. އެއީ ކާބަފައިން އަޅުގަނޑުމެންނަށް ވީ ވަޢުދު. އެއީ މުސްތަޤްބަލަށް ހުޅުވިގެން ދިޔަ ދޮރެއް. އެންމެ ޚާއްސަކޮށް އެއީ މީގެ އެތައް ސަތޭކަ އަހަރު ކުރިން ވެސް މި ބޮޑު ތިލަދުންމަތި ދެކުން ގަދީމީ ހުވަފެން،”
މަޝްރޫޢުގެ މަސައްކަތް ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަޝްރޫޢުގެ ގާތްގަނޑަކަށް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މަސައްކަތް ނިމިފައިހުރި ކަމަށެވެ. އަދި ބާކީހުރި 72 އިންސައްތަ މަސައްކަތް، ޕެސެންޖަރ ޓަރމިނަލް، ކާގޯ ޓަރމިނަލް، ޖެޓީ، ފަޔަރ ސްޓޭޝަން އަދި އިންޖީނުގެ ފަދަ މުހިންމު ބައިތައް ހިމެނޭ ގޮތަށް، ނިންމާފައިވަނީ މި ސަރުކާރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތް ކުރުމަށް ބާރު އަޅުއްވާ، އެހީތެރިވެ ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝަރީފް ވަނީ ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން، ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް ފުރިހަމަކޮށް ނިންމުމަށް އެހީތެރިވެ ވަޑައިގަތުމަށްޓަކައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބަށާއި އެމަނިކުފާނުގެ ޓީމަށްވެސް ޝަރީފު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

