ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާ (އެމްއެންޑީއެފް) ގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓުގައި ތިބި 5 މީހަކު ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ. މި ބޯޓު އަތުލައިގަތީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ލަންކާގެ މަސްބޯޓާއި އެ ބޯޓުން ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަދި ބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މީހުންގެ ވަނަވަރާއި ފެނުނު މަސްތުވާތަކެތީގެ އަދަދު ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ލަންކާގެ ނޫހެއްގައި އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ. އަދި އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ލަންކާގެ ނޫހުން ބުނެފައިވެ އެވެ. އެމްއެންޑީއެފުން މި ބޯޓު ހޯދާފައި ވަނީ ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި، ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގަ އެވެ. އެގޮތުން، ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި މައްސަލައަކީ ބައިނަލްއަޤްވާމީ މަސްތުވާތަކެތީގެ ވިޔަފާރިއަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ބެލެވޭ އިރު، މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ވެސް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. މި މައްސަލަ ފުލުހުންނާ ހަވާލުކުރުމާއެކު، އިތުރު ތަހުގީގުތައް ކުރިއަށްދާނެ އެވެ.

