އަލަށް ހުޅުވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ވެގެންދާނީ ހދ. އަތޮޅާއި މުޅި އުތުރުގެ ތަރައްގީގެ ދޮރާއްޓަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ހަނިމާދޫއަށް ކުރެއްވި ޒިޔާރަތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތާ ގުޅޭގޮތުން ރައްޔިތުން ސުވާލު އުފެއްދި ކަމަށެވެ. އެ ދުވަހު ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް މަޝްރޫއުގެ މަސައްކަތް ހަލުވިކޮށް، މި ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި %70 މަސައްކަތް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓަކީ ހަމައެކަނި ބިނާއެއް ނޫން ކަމަށާއި، މިއީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އަދި އެއަރޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ހުރިހާ ދާއިރާއަކުންނާއި އިޖުތިމާޢީ ގޮތުންވެސް ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި އެއަރޕޯޓަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަލުވި މިނުގައި ހާސިލްކުރުމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އެމަނިކުފާނު ވަނީ މި ރަށާއި މި އަތޮޅާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތުގެ ބޭނުން އެންމެ ފުޅާ މިނުގައި ހިފުމަށް ގޮވާލައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
“މި ދޮރާއްޓަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަލުވި މިނުގައި ހާސިލްކުރުމަށް ވަރަށް މުހިންމު ވަސީލަތެއް. މި ރަށާއި މި އަތޮޅާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތު އަޅުގަނޑު އެދެނީ ވަރަށް ފުޅާ މިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުން ހިފަން ފަށަން.”
ރައީސް ވިދާޅުވީ އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ސަރުކާރުން ފަހި ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިންނަށް މި ސަރަހައްދުގައި އިންވެސްޓްކުރުމަށް ގޮވާލައްވާފައެވެ.
“އަޅުގަނޑު އެދެން އެންމެ ފުޅާ މިނުގައި ރާއްޖޭގެ ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަން ވަޑައިގަންނަވަން. މި ސަރަހައްދުގައި އިންވެސްޓް ކުރައްވަން. މި އޮޕަޯޗުނިޓީގެ ބޭނުން ހިއްޕަވަން. މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. ހުރިހާ ދާއިރާއަކުންވެސް. ސަރުކާރުން މިއޮތީ ތައްޔާރަށް ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ކަންކަން ފަހިކޮށްދެވޭނެ ހުރިހާކަމެއް ކޮށްދޭން،” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައު އެއަރޕޯޓާއެކު ހަނިމާދޫއަށްވެސް އެކި ގޮތްގޮތުން ތަރައްގީ އަންނާނެ ކަމަށާއި، މި އެއަރޕޯޓާއެކު ރާއްޖޭގެ އުތުރުގެ އަތޮޅުތައް ދުނިޔެއާ ގުޅުވައިދީ ޤައުމާއި ރައްޔިތުންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

