އިލެކްޓްރޮލައިޓްތަކަކީ ހަށިގަނޑުގެ މުހިންމު މަސައްކަތްތައް ކުރުމަށް ބޭނުންވާ މާއްދާތަކެކެވެ. މި މާއްދާތަކުގެ ތެރޭގައި ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް އަދި މެގްނީޒިއަމް ހިމެނެއެވެ. މި ބައިތަކުގެ މައިގަނޑު މަސައްކަތަކީ ނާރުތަކުގެ ސިގްނަލްތައް ފޮނުވުމާއި، ގައިގެ މަސް ހަރަކާތްތެރި ކުރުވުމާއި، ހަށިގަނޑުގައިވާ ފެނުގެ ބައިތައް ހަމަޖައްސާފައި ބެހެއްޓުމެވެ. އެހެންކަމުން، އެކިއެކި ސަބަބުތަކާހުރެ ހަށިގަނޑުން އިލެކްޓްރޮލައިޓް މަދުވެއްޖެނަމަ، ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫއަރައި، އެކި ބާވަތުގެ އަލާމާތްތައް ފެނިގެންދެއެވެ.
އިލެކްޓްރޮލައިޓް މަދުވުމުން އެންމެ ފުރަތަމަ ފާހަގަކުރެވޭ އަލާމާތްތަކަކީ ވަރުބަލިވުމާއި، ބާރުދެރަވުމެވެ. ހަށިގަނޑުގެ މަސްތައް މަސައްކަތްކުރުމަށް އިލެކްޓްރޮލައިޓްތައް މުހިންމުވާތީ، މި މާއްދާތައް މަދުވުމުން ގައިގެ އެކި މަސްތަކުގައި ރިއްސައި، ނުވަތަ ބައެއް ފަހަރު ފައިގެ ފަލަމަސްގަނޑު، ލޮލުގެ ބޮނޑިފަދަ ތަންތަން ތޮޅުންފަދަ ކަންތައް ދިމާވެއެވެ. އަދި އާދަޔާ ޚިލާފަށް ވަރުބަލިވެ، ދިގުދެމިގެންދާ ބަލިކަށިކަމެއް އިޙްސާސް ކުރެވޭނެއެވެ.
މީގެ އިތުރުން، ބައެއް ފަހަރު ކާނާ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް އަސަރުކޮށް، މޭނުބައިކުރުން ނުވަތަ ބޮޑުކަމުދާ ނިޒާމުގައި ބަދަލުތައް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އާދަޔާހިލާފަށް ބޮލުގައި ރިއްސުމާއި ވަރުބަލިވުން، ހަށިގަނޑުން އިލެކްޓްރޮލައިޓް މަދުވާކަމުގެ އަލާމާތްތަކަށް ވެދާނެ
ނާރުތަކާއި ހިތަށް ކުރާ އަސަރު
އިލެކްޓްރޮލައިޓްސް މަދުވުމުގެ ސަބަބުން ނާރުތަކުގެ މަސައްކަތަށް ބުރޫއަރައި، ސިކުނޑީގެ މަސައްކަތަށް ބަދަލުތައް އާދެއެވެ. މިގޮތުން، ބޮލުގައި ރިއްސައި، ހާސްވެ، ވިސްނުން ކޮށިވުމާއި، ވާނުވާ ނޭނގޭގޮތް ވެދާނެއެވެ. އިލެކްޓްރޮލައިޓްތަކުގެ ތެރެއިން ޕޮޓޭސިއަމް އާއި ކެލްސިއަމް އަކީ ހިތުގެ ވިންދު ހަމަޔަށް ބެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މާއްދާތަކެވެ. އެހެންކަމުން، މި މާއްދާތައް މަދުވުމުން ހިތުގެ ވިންދު އަވަސްވުން ނުވަތަ ވިންދު ނުކުރާގޮތް (އެރިތްމިއާ) ވެދާނެއެވެ. މިފަދަ ނުރައްކާތެރި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރީ ފަރުވާ ހޯދުން ވަރަށް މުހިންމެވެ.
އިލެކްޓްރޮލައިޓް ހަމަޔަށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް
ހަށިގަނޑުގައި އިލެކްޓްރޮލައިޓް ހަމަޔަށް ބެހެއްޓުމަށް އެންމެ މުހިންމު ކަމަކީ ފެން ބުއިމަށް ސަމާލުކަން ދިނުމެވެ.
ހާއްސަކޮށް ހޫނު މޫސުމުގައި ނުވަތަ ކަސްރަތު ކުރުމަށްފަހު ހަށިގަނޑުން ދާހިއްލުމުގެ ސަބަބުން ގެއްލޭ ފެނާއި ކުޑަކަމުދިއުމުން ހަށިގަނޑުން ބޭރުވާ ފެން އަވަހަށް ހަށިގަނޑަށް ލިބޭގޮތް ހަދަންޖެހޭނެއެވެ.
އިލެކްޓްރޮލައިޓްސް ހަމަޖެއްސުމަށްޓަކައި އިލެކްޓްރޮލައިޓްސް އެކުލެވޭ ބުއިންތައް ބޭނުންކުރުން ރަނގަޅެވެ.
އޭގެ ތެރޭގައި 100 ޕްލަސް ކިޔާ ބުއިން، މިއީ ހާއްސަކޮށް މިކަމަށް ތައްޔާރުކޮށްފައިވާ އިލެކްޓްރޮލައިޓް ހާއްސަ ބުއިމެކެވެ.
އޯއާރްއެސް، މާނައަކީ ލޮނު ޕެކެޓް ބޭނުންކުރުން، ހުތް މޭވާ ގިނައިން ފެން އަޅައިގެން ބުއިން.
މީގެ އިތުރުން، ދުޅަހެޔޮ ކާނާގެ ޑައިޓެއް ބޭނުންކުރުމަކީ ވެސް މުހިންމު ކަމެކެވެ. މޭވާ، ތަރުކާރީ، އަދި ކިރުގެ ބާވަތްތަކުން އިލެކްޓްރޮލައިޓްސް ލިބިގަނެވިދާނެއެވެ.
ނަމަވެސް، އިލެކްޓްރޮލައިޓްސް މަދުވުމުގެ ސަބަބު ދެނެގަނެ، އެކަށީގެންވާ ފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
އިލެކްޓްރޮލައިޓްތަކަކީ ހަށިގަނޑުގެ ދިރުމަށް ވަރަށް މުހިންމު މާއްދާތަކެކެވެ. އެހެންކަމުން، މި މާއްދާތައް ހަމަޔަށް ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި އަޅާނެ މުހިންމު ފިޔަވަޅެކެވެ. އާދައިގެ އަލާމާތްތައް ފެނުނަސް އަދި ނުރައްކާތެރި އަލާމާތްތައް ފެނުނަސް ޑޮކްޓަރީ ލަފާ ހޯދުމަކީ ބުއްދިވެރި ގޮތެކެވެ.

