ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އެ ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު އަހުމަދު އަބްދުﷲ މިއަދު އައްޔަންކޮށްފިއެވެ. މި މަގާމަށް އޭނާ އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ އަހުމަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، ކުރީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު މަގާމުން އިސްތިއުފާ ދެއްވީ އިނގިރޭސިވިލާތަށް ކިޔަވާ ވިދާޅުވުމަށް ވަޑައިގަތުމުގެ ބޭނުމުގައެވެ. އޭނާގެ އިސްތިއުފާއާއެކު ހުސްވި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅެއް އައްޔަންކުރުމަށް ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 230 ވަނަ ޢާންމު ބައްދަލުވުމުގައި ވަނީ އެޖެންޑާ ކުރެވިފައެވެ.
މި ބައްދަލުވުމުގައި ނެގުނު ވޯޓުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން، ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ ސިޓީ ކައުންސިލަރު އަހުމަދު އަބްދުﷲ ވަނީ އައްޔަން ކުރައްވާފައެވެ. އޭނާގެ އައްޔަންކުރުމާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

