މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. މި ޝަރަފުވެރި ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 8:30 ގައި މާލޭ ސޯޝަލް ސެންޓަރުގައެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ. މި އިނާމު ލިބޭ ބޭފުޅުންގެ ތެރޭގައި 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ. މި ބޭފުޅުން ހޮއްވެވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމު ހަވާލުކުރައްވާފައެވެ.
މީގެ އިތުރުން، މިއަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވަނީ 33 ބޭފުޅުންނަށެވެ. މި އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ އިނާމާބެހޭ ޚާއްސަ ކޮމިޓީންނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. މި އިނާމުގެ ގޮތުގައި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ފިލައެއް ހަވާލުކުރެވޭނެއެވެ.

