އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާ (ޔޫ.އެން.ޑަބްލިޔޫ.ޓީ.އޯ) ގެ 26 ވަނަ ސެޝަންގެ ވައިސް ޕްރެޒިޑެންޓް ކަމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ މި ސެޝަންގައި، ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އ.ދ. ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ މި އާއްމު ބައްދަލުވުން މި އަހަރު ކުރިއަށްދަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. “އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ” މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ބައްދަލުވުމުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާއި، މުސްތަޤުބަލުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެއެވެ.
މިހާރު ކުރިއަށްދާ އ.ދ. ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ 26 ވަނަ އާއްމު ބައްދަލުވުމުގައި ވައިސް-ޕްރެޒިޑެންޓްގެ ހައިސިއްޔަތުން ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި އާއްމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ. މިކަމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާވެ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ އިތުބާރުގެ ހެއްކެކެވެ.
މި އަހަރުގެ ސެޝަންގައި ރާއްޖެއިން ވަނީ އ.ދ. ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ “ވާރކިން ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް” ގައި ބައިވެރިވެފައެވެ. މި ގްރޫޕްގެ މައިގަނޑު މަޤުޞަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން، އިންޓަރ-އިންސްޓިޓިއުޝަނަލް ވާރކިންގ ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް އެކްޝަންގެ ވައިސް ޗެއަރއަށްވެސް ރާއްޖެ ވަނީ މި އަހަރުގެ އާއްމު ބައްދަލުވުމުގައި އައްޔަނުކޮށްފައެވެ. މި ދެމަޤާމަކީވެސް މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ފަދަ ކުދި ރަށްވެހި ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކަށް ރައްދުދިނުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ހުށަހެޅުންތައް ބައިނަލްއަޤްވާމީ މައިދާނަށް ގެނައުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

