އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ އެއް މަޖައްލާކަމަށްވާ ވޮންޑަރލަސްޓްގެ ކިޔުންތެރިންގެ ވޯޓުން ހޮވާ ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑުގައި، ދުނިޔޭގެ އެންމެ މަޤުބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ދިވެހިރާއްޖެއިން ހޯދައިފިއެވެ. މި ކާމިޔާބީއަކީ ވިލާތުގެ މާކެޓާއި މުޅި ދުނިޔޭގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު އިތުރު ޝަރަފެކެވެ.
މި އެވޯޑު ހަވާލުކުރުމުގެ ކުލަގަދަ ހަފްލާ ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަން ނެޝަނަލް ގެލަރީގައެވެ. މި ހަފްލާ ކުރިއަށްދިޔައީ ލަންޑަންގައި ބޭއްވުނު ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއު.ޓީ.އެމް) 2025ގެ ހަވާސާގައެވެ. ރާއްޖެއަށް ލިބުނު އެވޯޑާ ހަވާލުވެވަޑައިގަތީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝިޢުރީއެވެ. މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް 22 ކެޓަގަރީއަކުން އެވޯޑު ދެވުނު މި ހަފްލާގައި، ޖުމްލަ 4.8 މިލިޔަން ވޯޓު ލިބިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މިއަހަރުގެ އެވޯޑުގައި ރާއްޖެ ހޯދި ކާމިޔާބީއަކީ ވިލާތާއި މުޅި ދުނިޔޭގައިވެސް ރާއްޖެއަށް އޮތް މަޤުބޫލުކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިޢުރީ ވިދާޅުވީ، މި ޝަރަފަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް ދެވިފައިވާ ހާއްސަކަން ދެމިހުރިކަމުގެ ރަމްޒެއްކަމަށެވެ. ޝިޢުރީ އިތުރަށް ވިދާޅުވިއެވެ: "މިއީ ސީދާ ކިޔުންތެރިންނާއި ފަތުރުވެރިންގެ ވޯޓުން ދޭ އެވޯޑެއްކަމުން ވިލާތުގައި އަދިވެސް ރާއްޖެއަށް އޮތް ލޯތްބާއި މަޤުބޫލުކަން ވަރަށް ބޮޑަށްވެސް ހާމަވެގެން ހިނގައްޖެ".
މިހާރު 24ވަނަ ބާބު ގުނަމުންދާ ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ މައިދާނުގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑެވެ. މި އެވޯޑަށް ރާއްޖެ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ، ބަރމިއުޑަރ ފަދަ ދުނިޔޭގެ އެހެން މަޝްހޫރު ޖަޒީރާ މަންޒިލްތަކާއެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ. އެގޮތުން މިވަގުތު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް އޮތީ ތިން ވަނައިގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 166,506 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އެވޯޑަކީ އިނގިރޭސި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.


