މޯލްޑިވްސް 2.0 ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރާއްޖޭގައި އީ-ވިސާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކުރުމަށްޓަކައި މިއަދު ހެނދުނު ބާސެލޯ ނަސަންދުރަ ހޮޓެލްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ބަދަލާއެކު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވިސާ މިހާރު ލިބޭނީ ޑިޖިޓަލްކޮށް އިލެކްޓްރޯނިކް ވިސާއެއްގެ ގޮތުގައެވެ. މިއީ “ދިވެހި ރާއްޖެ 2.0” ގެ އަސާސްތަކާ އެއްގޮތަށް، އިމިގްރޭޝަނުގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން، އެއްވެސް މީހަކު އިސްތިސްނާނުކޮށް ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތަކަށް ގެނެވުނު އިޖާދީ ބަދަލެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަނެއް ކަމަށްވާ “އެމްއައި އައިޑީ ޖެކާ” ވެސް ތައާރަފްކޮށްފައެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށް ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އލީ އިހްސާން އެވެ. މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ރާއްޖޭގެ 2.0 ގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައި އިތުރުވެގެން ދިޔަ ބޮޅެކެވެ. މި އެޕްލިކޭޝަނަށް ބިދޭސީއެއްގެ ފޮޓޯއެއް އަޕްލޯޑް ކުރުމުން އެމީހަކާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެންދާނެ އެވެ. އަދި ޕާސްޕޯޓް ނަމްބަރާއި ވޯކް ޕާމިޓް ނަމްބަރު، ނުވަތަ ވޯކް ޕާމިޓުގައި ހިމެނޭ ކިއުއާރް ކޯޑް ސްކޭންކޮށްގެން ވެސް އެމީހަކާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދައި އެ މީހަކު ދެނެގަނެވޭނެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ މަސައްކަތްތައް ހަރުދަނާކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިއަދު ވަނީ އިމިގްރޭޝަނުގެ އާ ވެބްސައިޓް އިފްތިތާހުކޮށް މޯބައިލް އެޕްލިކޭޝަން ވެސް ތަޢާރަފްކޮށްފަ އެވެ. ވެބްސައިޓް ލޯންޗުކޮށް އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވީ ކޮންޓްރޯލް އޮފް އިމިގްރޭޝަން، ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު އެވެ. މިއީ މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް އެއްތަނަކުން ފަސޭހައިން ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
“ދިވެހި ރާއްޖެ 2.0” ގެ ތަސައްވަރަށް ވާސިލުކޮށްދިނުމަށް ރާއްޖޭގެ ތަރައްގީ އާއި ތަމައްދަނަށް ފަހެލި ބަދަލުތަކެއް ގެނެސްދީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގުންގުޅުއްވާ ދުރު ވިސްނުންފުޅާއި ކޮށްދެެއްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރައީސް އަށް ހަނދާނީ ފިލައެއް އަރުވައިފައެވެ.
މި އަހަރަކީ މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތް ފޯރުކޮށްދޭތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް އަހަރު ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

