ރާއްޖޭގެ ވިޔަފާރިތަކަށް މާލީ ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އެ ބޭންކުގެ ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) %1އަށް ކުޑަކޮށް، ރަހުނަކާ ނުލާ ލިބޭ އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތައާރަފުކޮށްފި އެވެ. މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރު ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން މިއަދު ބުނި ގޮތުގައި، މިއީ އެ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް އެ ބޭންކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި ބަދަލެކެވެ.
އެމްޑީއާރަކީ ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެކެވެ. ބީއެމްއެލް އިން ޑެބިޓް ކާޑުގެ ހިދުމަތް 2000ގައި ތައާރަފުކުރި ފަހުން މިހާތަނަށް ވެސް މި ރޭޓް ދަމަހައްޓާފައިވަނީ %2.5ގައި ކަމަށާއި، މިއީ އެ ރޭޓު ކުޑަކުރި ފުރަތަމަ ފަހަރު ކަމަށް ބޭންކުން ހާމަކުރެ އެވެ. މި ބަދަލުގެ ސީދާ ފައިދާ، މިހާރު ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7,000އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް ކުރާނެ ކަމަށް ބޭންކުން ލަފާކުރެ އެވެ.
މި ފިޔަވަޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަކަމަށާއި އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ހަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހި ކޮށްދިނުމަށް އެޅުނު ފިޔަވަޅާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
"މާޗަންޓް ފީ %1އަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތައާރަފުކޮށްފަ އެވެ. ރަހުނަކާ ނުލާ ދޫކުރާ މި ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސްދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ލިބޭނެ އެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކެނޑޭ ގޮތަށެވެ.
މި ދެ ފިޔަވަޅާއެކު، ބީއެމްއެލް އިން ވިޔަފާރިތަކަށް މާލީ ގޮތުން ދިމާވާ ދަތިތައް ކުޑަކޮށް، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އަޒުމު ކަނޑައަޅާކަން ވަނީ ހާމަކޮށްފަ އެވެ.

