ހުޅުމާލޭގައި ތަރައްގީކުރި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައު ހެޑްކުއަރޓަރސް މިއަދު ރައީސް ޑރ. މުހައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އައު އިމާރާތާއެކު އެމްސީއެސްގެ އިދާރީ ހިންގުން ވަނީ ހުޅުމާލޭގައި އަލަށް ތަރައްގީކުރި މި މަރުކަޒަށް ބަދަލުކުރެވިފައެވެ.
ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރި މި އައު އޮފީހަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. ގާތްގަނޑަކަށް 12,000 އަކަފޫޓުގެ ޖާގައެއްގައި އަޅާފައިވާ މި އިމާރާތުގައި 15 ޑިޕާޓްމަންޓާއި ޑިވިޝަން ހިމެނޭނެއެވެ. އަދި 175 މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ފުރުސަތު މިތަނުން ލިބިގެންދާނެއެވެ.
މި ހެޑްކުއަރޓަރސް ހުޅުވައި ދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ރަސްމިއްޔާތުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން އެ ހެޑްކުއަރޓަރސްގެ އައު އިމާރާތުގައި ހުރި ވަސީލަތްތައް އެ މަނިކުފާނު ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ.
މި އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަފައެވެ.

