ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފައި ވަނީ، ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މާދަމާ އިން ފެށިގެން މަހަކު 1،000 ޑޮލަރަށް އިތުރުވާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބޭންކުން ގެނެސްފައިވާ މުހިންމު ބަދަލެކެވެ.
ކޮވިޑް-19 އާ ގުޅިގެން ގެނައި ބަދަލެއްގެ ގޮތުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ބޭނުންކުރެވުނީ މަހަކު 250 ޑޮލަރެވެ. އެ އަދަދު މިދިޔަ ޖުލައިން ފެށިގެން މަހަކު 500 ޑޮލަރަށް ބޮޑުކުރި އެވެ. ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މާދަމާ އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މަހަކު 1،000 ޑޮލަރަށް ބޮޑުވާނެ އެވެ.
މީގެ އިތުރުން، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ. "ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ،" ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން މިއަދު ވަނީ ވިޔަފާރިތަކަށް ވެސް ދެ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) %2.5 އިން %1އަށް ކުޑަކުރުމެވެ. މިއީ މި ރޭޓް މިހާވަރަށް ކުޑަކުރި ފުރަތަމަ ފަހަރެވެ.
ދެވަނަ ބަދަލަކީ އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެކެވެ. ރަހުނަކާ ނުލާ ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސްދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ލިބޭނެ އެވެ.
މީގެ އިތުރުން، ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓް ވެސް އަންނަ ފެބްރުއަރީން ފެށިގެން ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

