ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިކަމާ ގުޅިގެން މިއަދު އޮތް ރަސްމިއްޔާތުގައި އެޗްޑީސީއާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބުރިގޭޑިއަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާޙް އެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބައްތިރީސް ރަށެއްގައި މުޅީން އަލަށް ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރާނެ ކަމަށެވެ. މީގެ އިތުރުން 73 ރަށެއްގައި ހުރި ކުޑަކުދީންގެ ޕާކުތައް މަރާމާތުކޮށް، އެތަންތަނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކުރެވުނު ރަށްތައް:
- 1. ހއ. މޮޅަދޫ
- 2. ހއ. ފިއްލަދޫ
- 3. ރ. ހުޅުދުއްފާރު
- 4. ރ. މާކުރަތު
- 5. ރ. ކިނޮޅަސް
- 6. ރ. އިންނަމާދޫ
- 7. ރ. އިނގުރައިދޫ
- 8. ރ. ފައިނު
- 9. ހދ. ހަނިމާދޫ
- 10. ވ. ފުލިދޫ
- 11. ވ. ކެޔޮދޫ
- 12. ދ. މީދޫ
- 13. ތ. ވޭމަންޑޫ
- 14. ތ. ތިމަރަފުށި
- 15. ތ. ގުރައިދޫ
- 16. ލ. މާބައިދޫ
- 17. ލ. ދަނބިދޫ
- 18. ލ. މުންޑޫ
- 19. ގއ. ވިލިނގިލި
- 20. ގއ. ކަނޑުހުޅުދޫ
- 21. ގދ. ގައްދޫ
- 22. ސ. ހުޅުދޫ
- 23. ސ. ހިތަދޫ 1
- 24. ސ. ހިތަދޫ 2
- 25. ސ. މަރަދޫ ފޭދޫ
- 26. ސ. ފޭދޫ
- 27. ނ. ޅޮހި
- 28. ހދ. ނޮޅިވަރަމް
- 29. ށ. ކަނޑިތީމު
- 30. ށ. މިލަންދޫ
- 31. ބ. ފެހެންދޫ
- 32. ބ. ކުޑަރިކިލު
މިއީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދީންގެ ޕާކުތައް ތަރައްޤީކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެއްގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން ކުޑަކުދިންނަށް ސަލާމަތްތެރި އަދި މުނިފޫހިފިލުވުމުގެ ފުރުސަތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

