ރާއްޖޭގެ ޖަލުތަކުގައި 176 ރަށަކަށް އުފަން 1،591 ގައިދީން އެބަތިބި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން ހާމަކުރެއްވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ (އެމްސީއެސް) ހެޑްކުއާޓާޒް ހުޅުވުމަށް ހުޅުމާލެ ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، ކަރެކްޝަނަލް ސާވިސް އިން މިވަގުތު ރާއްޖޭގެ ތިން ޖަލެއްގެ އިތުރުން އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި، ތިން ޖަލާއި ރާއްޖޭގެ އެކި ތަންތަނުގައި ޖުމްލަ 1،718 މީހުން ބަންދުކުރެވިފައި އެބަތިބި ކަމަށާއި، އޭގެ ތެރެއިން 1،591 ގައިދީން ނިސްބަތްވަނީ 176 ރަށަށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމިޝަނާ ޒަރީރު އިތުރަށް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތް އިރު ކަރެކްޝަންސްގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ހަމައެކަނި އޮފީސް ހިންގުމަށް ވެސް ހަ އިމާރާތެއް ކުއްޔަށް ނަގަން ޖެހުނު ކަމަށެވެ. އެހެންކަމުން، މި ސަރުކާރުގެ އެހީތެރިކަމާއެކު އެ އިދާރާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަމިއްލަ އިމާރާތެއްގައި އިދާރީ މަސައްކަތް ކުރަން ފެށުމަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޒަރީރު ޝުކުރުވެރިކަމާއެކު ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މި ހެޑްކުއާޓާޒް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، ހެޑްކުއާޓާޒްގައި ހުރި ވަސީލަތްތައް ބައްލަވާލައްވައިފައެވެ. ސޯޅަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި، ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ 12،000 އަކަފޫޓުގެ މި އިމާރާތުގައި، އެމްސީއެސްގެ 15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން، 170 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތް ކުރައްވާނެއެވެ. މި އަމިއްލަ އިމާރާތާއެކު ކަރެކްޝަނަލް ސާވިސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ހިންގުންތެރިކަން އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

