ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓްރޭޑްމާކު ބިލަކީ، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ގާއިމުކުރެވިފައިވާ މާހައުލެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސައީދު މިކަން ހާމަކުރެއްވީ، ބިލު ފާސްވުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ސައީދު ވަނީ މި ބިލު ފާސްވުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީހީ ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެ ގާނޫނުގެ ސަަބަބުން ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރޭޑްމާކުތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ފިކުރީ މުދާ ކުރިއަށްވުރެ ބޮޑަށް ހިމާޔަތްކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ހައްގު ލިބޭ ފަރާތަށް އެ ފަރާތުން އުފަައްދާ މުދަލަަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތުގައި ބޭނުންކުރާ ޓްރޭޑްމާކު ބޭނުންކުރުމުގައި ހާއްސަ ހައްގު ނުވަތަ އެކްސްކްލޫސިވް ރައިޓްސް ޔަގީންކުރެވޭނެއެވެ. މިކަމުގެ ސަބަބުން އުފެއްދުންތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް ނުވަތަ ކޮންޒިއުމަރުންނަށް އޮޅުންއަރާ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކުތައް ބޭނުންކުރުން ހުއްޓުވުމުގެ ބާރު މި ގާނޫނުން ލިބިގެންދާނެއެވެ. އަދި ޓްރޭޑްމާކު ކައުންޓަރފިޓްކުރުން ގާނޫނުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާނެކަން ސައީދު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ފާސްކުރެވުނު މިފަދަ ފުރަތަމަ ބިލެވެ. އެބިލުގައި ޓްރޭޑްމާކާ ގުޅޭ ޒަމާނީ އުސޫލުތަކާއި ގާނޫނީ ގަވާއިދުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި ގާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކއި، ކަލެކްޓިވް މާކުވެސް ރަޖިސްޓްރީކުރެވޭނެއެވެ. މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް އުފެއްދުންތެރިންނާއި އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ އިތުބާރު ލިބިފައިވާ މާހައުލެއް ގާއިމުކުރުމަށް ރައީސް މުޢިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އެޅިގެންދާ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.

