ރޭ ރަސްމީކޮށް ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިގެ ދަތުރުތައް އިތުރު ކުރުމާއި ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރެވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ހާއްސަ މަންދޫބު އަދި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަފު ރާމު މޯހަން ނައިޑޫ އާއި ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަަނުން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށްފަހު ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މިގޮތުން، ވައިގެ މަގުން ގުޅުންތައް ހަރުދަނާ ކުރުމަށާއި، ދެ ގައުމަށް ފައިދާ ކުރި ކަންކަން ކުރިއެރުވުމަށް އިސްކަން ދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރެވުނު ކަމަށް ހައިކޮމިޝަނުން ފާހަގަކުރެއްވިއެވެ. މި މަޝްވަރާތަކުގެ މައިގަނޑު އެއް މަގުސަދަކީ ހަނިމާދޫ އެއާޕޯޓަށް ވައިގެ ދަތުރުތައް އިތުރުކޮށް، ސަރަހައްދީ ގުޅުންތަކަށް ބާރު އެޅުމެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްގެ ފަރާތުން ތަރައްގީ ކުރި ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ހަނިމާދޫގައި 2.7 ކިލޯމީޓަރުގެ ރަންވޭއެއް އެޅިއިރު، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ފެންވަރު ރަނގަޅު ޓާމިނަލެއް ވަނީ އިމާރާތްކޮށްފައެވެ.
މި ޓާމިނަލަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކަށް ހާއްސަކޮށް، މަޑިއެއްގެ ސިފައަށް ފަރުމާކޮށްފައިވާ ޒަމާނީ ޓާމިނަލެކެވެ. މި ތަންތަނުގެ އިތުރުން، އެއާޕޯޓު ޓަވަރާއި ފިއުލް ފާމް ފަދަ އެތައް އިމާރާތްތަކެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ބިނާކޮށްފައެވެ. މިފަދަ ބޮޑު މަޝްރޫއެއް ނިމި، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހުޅުވުމަކީ އުތުރުގެ ރަށްތަކުގެ އިގްތިސާދީ ތަރައްގީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

