މާލޭގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން، ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލެއަށް އިތުރު ޖެނެރޭޓަރެއް ގެންގޮސްފިއެވެ. މިކަމުގެ ސަބަބުން ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.
ސްޓެލްކޯއިން “އެކްސް” (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް މިހާރު ވަނީ 1200 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ގެންގޮސްފައި ކަމަށެވެ.
އެ ކުންފުނިން އިތުރަށް ވިދާޅުވެފައިވަނީ، “މި ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރެވުމާއިއެކު، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޔަޤީންކުރެވިގެންދާނެ،” މިގޮތަށެވެ.
ޕީކް ސީޒަނަކީ ކަރަންޓަށް އޮންނަ ޑިމާންޑް އެންމެ ބޮޑުވާ ދުވަސްވަރެވެ. އެހެންކަމުން، އެ ދުވަސްވަރަށް ތައްޔާރުވުމަށް ސްޓެލްކޯއިން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އާ ޖެނެރޭޓަރު ބޭނުންވާ ރަށްތަކަށް އެ އެއްޗެހި ގެންދިއުމާއި، މަރާމާތުކުރަންޖެހޭ ސެޓްތައް ވެސް މަރާމާތުކުރަމުންދާ ކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.
މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، ވިލިމާލެއަށް ޖެނެރޭޓަރު ގެންދިޔުމަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

