އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުންނަ ސީޕްލޭން ޓާމިނަލަށް ޒިޔާރަތްކުރައްވައި، އެތަނުގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތަކީ އިންޑިއާގައި ސީޕްލޭންގެ ހިދުމަތްތައް އަލުން ފެށުމުގެ ވިސްނުން އެބަހުރި ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައި ކުރެއްވި ޒިޔާރަތެކެވެ.
މިނިސްޓަރު ނައިޑޫގެ ރާއްޖެ ދަތުރުފުޅުގައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. މި ޒިޔާރަތުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ސިވިލް އޭވިއޭޝަން ދާއިރާގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ސީޕްލޭންގެ އެންމެ ބޮޑު ފްލީޓްތަކެއް އޮޕަރޭޓްކުރާ މަރުކަޒުކަމަށް ވާއިރު، މި ސަރަހައްދުގައި އެންމެ ގިނަ ސީޕްލޭން ފްލީޓް އޮންނަ ގައުމަކީ ވެސް ރާއްޖެއެވެ. މިވަގުތު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދެމުންދަނީ މޯލްޑިވިއަން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި މަންޓާ އެއާ އިންނެވެ. ޚާއްސަކޮށް، ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ކުންފުންޏެވެ.
މޯލްޑިވިއަން އިން ވަނީ 2020 ވަނަ އަހަރު އިންޑިއާގެ ގުޖުރާތުގައި ސީޕްލޭންގެ ހިދުމަތް ދީފައެވެ.

