ތިނަދޫސިޓީ ގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއްގައި، އަނިޔާވި ދެމީހުންގެ ތެރެއިން ހާލު ސީރިއަސް ވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ތިނަދޫސިޓީގައި ދެ ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ދެ ސައިކަލުގައި ތިބި ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ވެފައިވާތީ، ވަގުތުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނެވެ..
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އަނިޔާވި ޒުވާނާގެ އަނގަމަތިން ވަރަށް ބޮޑަށް ފަޅައިގެން ގޮސް ދަތްތަކަށްވެސް ހުރީ އަނިޔާ ލިބިފައެވެ. އަދި އޭނާގެ ފަޔަށްވެސް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިގައެވެ. އަދި ބޮލަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާ ލިބިފައިވާއިރު، މިހާރު އެ ޒުވާނާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ގެއަށް ދޫކޮށްލާފައެވެ.
އަނިޔާ ލިބުނު މެދު އުމުރުގެ މީހާގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ކަމަށްވާތީ ވަގުތުން ދެވުނު އަވަސް ފަރުވާއަށްފަހު މާލެ ގެނެސް، ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ފަށާފައެވެ. އެމީހާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ކޮނޑު ހުޅު ބިންދައިގެން ގޮސް، ބުރަކަށީގެ ކަށިތައް ބިންދައިގެން ދިއުމާއި ރިބްކޭޖް ބިންދައިގެން ގޮސްފައިވާއިރު ފައިގެ ފަލަ މަސްގަނޑުން ބިންދައިގެން ދިއުމާއެކު އަތުގެ އިނގިއްޔާއި ފައިގެ އިނގިލި ބިނދިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި ބޮލަށްވެސް ގެއްލުން ލިބިފައިވާ ކަމަށާއި އިއްޔެ 5 ޖެހި އިރު ފެށި އޮޕަރޭޝަން ރޭގެ 12:45 އަކަށް ދިގު ދެމިގެން ދިޔަ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. މިހާރު ފަރުވާދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށާއި ހާލު ސީރިއަސް ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.
ތިނަދޫ ސިޓީގައި މީގެ ކުރިންވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި ހުރި ނަމަވެސް، އިއްޔެގެ އެކްސިޑެންޓަކީ، މިފަހުން ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ. މަގުމަތީގެ މިފަދަ އެކްސިޑެންޓެއްގައި ތިނަދޫސިޓީއިން އަންހެނަކު ވަނީ މަރުވެފައެވެ. ދޭތެރެ ދޭތެރެއިން ހިނގާ މިފަދަ އެކްސިޑެންޓުތަކަކީ ސަމާލުވާން ޖެހޭ ވަރަށް ސަމާލުނުވެވުމާއި ފަރުވާކުޑަ ވުމުގެ އިތުރުން ގަވާއިދަށް ކަމޭ ނުހިތުމާއި ޓްރެފިކްގައި އަންގާފައި އޮންނަ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުން ކަހަލަ ކަންތައްތަކުގެ ނަތީޖާކަން ފާހަގަކޮށްލަމެވެ.

