އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި ހިނގި ބޮޑު ގޮވުމެއްގައި 8 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ކާރެއް ގޮވައިގެން ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ތިއްބެވެ. ޒަޚަމްވި މީހުންނަށް ދިއްލީގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން މި ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ބޮޑު ހާދިސާ ހިނގާފައި މިވަނީ ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ހަރިޔާނާގެ ފަރީދާބާދުގެ ދެ ގެއަކުން 3,000 ކިލޯގެ ގޮވާތަކެތި އަތުލައިގަތްތާ ގަޑިކޮޅެއް ފަހުންނެވެ. މި ދެ ހާދިސާއާ ގުޅުން ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަތުލައިގަތް ތަކެތީގެ ތެރޭގައި 350 ކިލޯގެ އެމޯނިއަމް ނައިޓްރޭޓް ހިމެނެއެވެ. މިއީ ވަރަށް ނުރައްކާތެރި، ލީތަލް ބޮމަކަށް ބަދަލުކުރެވޭނެ ބާވަތެކެވެ.
މި ގޮވާތަކެތި ހޯދައި އަތުލައިގަތީ ޖައްމޫ އެންޑް ކަޝްމީރުގެ ޑޮކްޓަރެއް ކަމަށްވާ އާދިލް ރާތަރްގެ ގެއިންނެވެ. އޭނާ ހައްޔަރުކުރީ ޖައިޝޭ މުހައްމަދުގެ ޕޯސްޓަރުތައް ހަރުކުރަނިކޮށް ފެނުމުންނެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ފަރީދާބާދުގެ ހޮސްޕިޓަލެއްގެ ސިއްހީ ހިދުމަތްތެރިޔާ މުޒައްމިލް ޝަކީލް ވެސް ހިމެނެއެވެ. ފުލުހުން ދަނީ މި މައްސަލައިގެ ތަފްސީލުތައް އިތުރަށް ބަލަމުންނެވެ.

