އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މަސްޖިދުލް ޢުމަރުލް ފާރޫޤު މިސްކިތަށް ބަޔަކު ވަދެ ގެއްލުންދީފައިވާ ކަމުގެ ހާދިސާއެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ. މި ހާދިސާގައި މިސްކިތުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މިސްކިތުގެ ތެރޭގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް ވަނީ އުކާލާފައިވާ ކަމަށާއި މީގެ އިތުރުން މިސްކިތުގައި ހަރުކޮށްފައި ހުރި ފަންކާތަކަށް ވެސް ގެއްލުންދީ ހަލާކުކޮށްލާފައިވެއެވެ. އަދި ކަރަންޓު ބޯޑަށް ވެސް ގެއްލުންތަކެއް ވެސް ދީފައިވާކަމަށެވެ.
މި ހާދިސާ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، މިސްކިތަކަށް ގެއްލުންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓްރީން ދެކޭ ކަމަށެވެ.
މި މައްސަލަ ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ހާމަކުރައްވާފައެވެ.
ނަމަވެސް މިކަން ކުރީ ކޮންބައެއް ކަން އަދި ފުލުހުންނަށް ހޯދިފައިވާ ކަމުގެ ބަހެއް ލިބިފައި ނުވެއެވެ.

