އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ މަޝްހޫރު ރެޑް ފޯޓު ސަރަހައްދުގައި ރޭ ހިނގި ގޮވުމުގެ ހާދިސާގައި ބަޔަކު މަރުވެ، އަދި އިތުރު ބަޔަކަށް އަނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި އެވެ.. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ވަނީ ހެޔޮ ދުޢާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓްގައި (އެކްސްގައި) ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިޚުލާސްތެރި ތަޢުޒިޔާ ރައްދުކުރައްވާފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އިންޑިއާގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ވެސް އެމަނިކުފާނު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ރޭ ދިއްލީގެ ރެޑް ފޯޓު ސަރަހައްދުގައި ހިނގި ގޮވުމުގެ ހާދިސާގައި 8 މީހަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި ވަރަށް ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. މި ގޮވުމަށް މެދުވެރިވި ސަބަބު އަދި ސާފުކޮށް އެނގިފައެއް ނުވެއިރު، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާގެ ތަފްސީލުތައް ބަލައި، އިތުރަށް ތަހުގީގު ކުރަމުންނެވެ.

