ދަތުގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަކީ އިންސާނާގެ އާންމު ސިއްހަތަށް ވެސް ވަރަށް މުހިންމު ކަމެކެވެ. ދަތުގެ އެންމެ ބޮޑު އެއް މައްސަލައަކީ ދަތުގައި ކޮބަޑި ޖެހުމެވެ. ކޮބަޑިއަކީ ދަތުގެ ބޭރުފުށުގައި ހަރުލާ މުށި-ރީނދޫ ކުލައިގެ ކެލްސިއަމް މާއްދާއެކެވެ. މިއީ ދަތް އުނގުޅައިގެން ފިލުވޭ އެއްޗެއް ނޫނެވެ. ކޮބަޑި ޖެހުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ލޭއައުން ފަދަ ޖިންޖިވައިޓިސްގެ އަލާމާތްތައް ފެނި، ފަރުވާ ނުކުރެވިއްޖެނަމަ ޕެރިއޮޑެންޓައިޓިސް އަށް ބަދަލުވެ ދަތް ވެއްޓިދާނެއެވެ.
އެހެންކަމުން، ކޮބަޑި ޖެހުމުން ރައްކާތެރިވެ، ޖެހިފައިވާ ކޮބަޑި ފިލުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަށް ބަލައިލާނަމެވެ.
ދަތުގެ ސާފުތާހިރުކަން ދެމެހެއްޓުން: ދަތުގެ ބަލިތަކުން ރައްކާތެރިވުމަށް އެންމެ މުހިންމީ ދަތްތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމެވެ. މިއީ ކޮބަޑި ޖެހުމުގެ ކުރިން އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ. ދުވާލަކު ދެފަހަރު ފްލޯރައިޑް އެކުލެވޭ ދަތް އުނގުޅާ ބޭސް ބޭނުންކޮށްގެން ދެ މިނިޓަށްވުރެ ގިނައިރު ދަތް އުނގުޅަންވާނެއެވެ. އަދި ދަތުގެ ހުރިހާ ފަރާތެއް ސާފުކުރެވޭނެހެން ސަމާލުކަން ދޭންވާނެއެވެ. ދަތް އުނގުޅުމުގެ އިތުރުން ދަތްތަކުގެ ދޭތެރެއާއި ހިރުގަނޑުގެ ކައިރިން ކޮބަޑިއާއި ކާނާގެ ކުނޑިތައް ނެގުމަށްޓަކައި ދުވާލަކު އެއްފަހަރު ފްލޮސް ކުރަންވާނެއެވެ. މީގެ އިތުރުން، އެންޓިބެކްޓީރިއަލް ނުވަތަ ފްލޯރައިޑް އެކުލެވޭ މައުތުވޮޝް ބޭނުންކުރުމަކީ ވެސް ދަތުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ.
ކޮބަޑި ފިލުވުމަށް ގޭގައި ކުރެވޭ ކަންކަން:
ކޮބަޑި ގަދައަށް ހަރުލުމުގެ ކުރިން، ގޭގައި ބައެއް ކަންކަން ކުރުމުން އެކަން ކޮންޓްރޯލް ކުރެވިދާނެއެވެ.
މިގޮތުން، ބޭކިންސޮޑާ ބޭނުންކޮށްގެން ދަތް އުނގުޅުމަކީ ކޮބަޑި ފިލުވުމަށް އެހީވެދޭނެ ކަމެކެވެ. ނަމަވެސް މިއީ ގިނަގިނައިން ކުރަން ރަނގަޅު ކަމެއް ނޫނެވެ.
ހަމައެހެންމެ، ދަތް އުނގުޅާ ނިމުމަށްފަހު ހޫނު ފެނަށް ލޮނުކޮޅެއް އަޅައިގެން އަނގަ ދޮވުމަކީ ވެސް އަނގައިގެ ބެކްޓީރިއާ މަދުކުރުމަށް އެހީވެދޭނެ ފަރުވާއެކެވެ.

ކޮންމެ ހަ މަހުން އެއްފަހަރު ޑެންޓިސްޓަކަށް ދައްކައި، ދަތް ސާފުކުރުވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.—ފޮޓޯ: ސްވީޓްސްމައިލް
އަދި މާމުއި ބޭނުންކޮށްގެން ދަތްތައް ސާފުކޮށް އުނގުޅުން، ހޫނު ފެނަށްލޮނުކޮޅެއް އަޅައިގެން ދަތްތަކާއި އަނގަތެރެ ދޮވެލުން، ކަރަންފޫ ތެޔޮ ނުވަތަ ސާފު ކާށިތެޔޮ ސަމުސަލެއް އަނގައަށް ލައިގެން 20-30 މިނިޓް ވަންދެން އަނގަ ތެޔޮފޮދުން ދޮވެ، އެއަށްފަހު ތާފަނާ ނުވަތަ ހޫނުކަން ހުރި ފެނުން އަނގަ ދޮންނަންވާނެއެވެ. ކަރަންފޫ އަދި ކާށި ތެލުގައި ހިމެނޭ އެންޓިމައިކްރޯބިއަލް މާއްދާތަކުގެ ސަބަބުން ބެކްޓީރިއާ މަދުކުރުމަށް އެހީވެދެއެވެ.
ކާނާގެ އާދަތަކަށް ސަމާލުވުން: ކޮބަޑި ޖެހުން މަދުކުރުމުގައި ކާނާގެ ދައުރު ވަރަށް ބޮޑެވެ. ހަކުރު އެކުލެވޭ އަދި ފޮނި މާއްދާތައް ގިނައިން ހިމެނޭ ކާނާ މަދުކުރަންވާނެއެވެ. ސަބަބަކީ ޕްލޭކްގައި ހުންނަ ބެކްޓީރިއާތަކުން މި މާއްދާތައް ބޭނުންކޮށްގެން އެސިޑް އުފައްދާތީ ދަތް ހަލާކުވުން އަވަސްވާނެއެވެ. މީގެ ބަދަލުގައި، އާފަލު، ކެރެޓް، އަދި ސެލެރީ ފަދަ ތަފާތު މޭވާއާއި ތަރުކާރީ ގިނައިން ކެއުމަކީ ރަނގަޅު ކަމެކެވެ.
މިފަދަ ކާނާ ކެއުމުން ދަތްތައް ސާފުކުރުމަށް އެހީވެދޭ ކުޅު އުފެއްދުން އިތުރުކޮށްދެއެވެ. ކެއުމަށްފަހު ހަކުރު ނާޅާފައި ހުންނަ ޗުއިންގަމް އެއް ހަފައިލުމަކީ ވެސް ކުޅު އުފެއްދުން އިތުރުކޮށް، އެސިޑްތައް ދޮވެލުމަށް އެހީވެދޭނެ ކަމެކެވެ.
ޕްރޮފެޝަނަލް ފަރުވާ: ދަތުގައި ޖަހާފައި ހުންނަ ކޮބަޑި (ޓާރޓަރ) އަކީ އާދައިގެ ދަތް އުނގުޅުމަކުން ފިލުވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން، ކޮބަޑި ޖެހިފައިވާނަމަ، ޑެންޓިސްޓެއްގެ ގާތަށް ގޮސް ޕްރޮފެޝަނަލްކޮށް ދަތް ސާފުކުރުވުން މުހިންމެވެ.
ޑެންޓިސްޓުންނާއި ދަތުގެ ސިއްހަތުގެ އެހެނިހެން ޕްރޮފެޝަނަލުންނަށް ޚާއްސަ އާލާތްތައް ބޭނުންކޮށްގެން ދަތުގެ މަތީގައި ހަރުލާފައި ހުންނަ ކޮބަޑި ފިލުވައިދެވޭނެއެވެ. ދަތުގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށްޓަކައި، ކޮންމެ ހަ މަހުން އެއްފަހަރު ޑެންޓިސްޓަކަށް ދައްކައި، ދަތް ސާފުކުރުވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

