ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއަށް ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ، ޖުމްހޫރީ ދުވަހުގެ އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވުމަށްޓަކައި ސޯޝަލް މީޑިއާގައި ކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.
މިއަދަކީ، ނޮވެންބަރު 11، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުކުރެވުނު ދުވަހެވެ. މިއަދު ފާހަގަ ކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރުފުރޭ ދުވަހެވެ. މި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް މުޢިއްޒު ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާސިލްކޮށްދިނުމަށް މި ސަރުކާރުން ފައްޓާފައިވާ ދަތުރުގައި ކުރިއަށްދާނީ، މާތްﷲގެ ޙަޟްރަތުން ވާގިއެދި އިޚްލާސްތެރިކަމާއެކު ކަމަށެވެ. އަދި މި ދަތުރުގެ ނަތީޖާއެއްގެ ގޮތުން ދިވެހިން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ޔަގީނުންވެސް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައެވެ.
މީގެ އިތުރުން، އެމަނިކުފާނުވަނީ ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ޤައުމަށް ބާއްޖަވެރިކަމާއި ފާގަތިކަން ދެއްވުން އެދި އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.

