ބޮލީވުޑްގެ މަޝްހޫރު ތަރި، ދަރަމެންދުރަގެ ހާލު ގޯސްވެ، އޭނާ މަރުވެއްޖެކަމަށް ބައެއް މީޑިއާތަކުން ދޮގު ޚަބަރު ފަތުރަމުންދާތީ، އޭނާގެ ދަރިފުޅު އީޝާ ޑިއޯލް ވަނީ މި ޚަބަރުތައް ދޮގުކޮށްފައެވެ. އީޝާ ބުނެފައިވަނީ އޭނާގެ ބައްޕަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، އާއިލާއަށް ޕްރައިވަސީ ދިނުމަށް އެދޭ ކަމަށެވެ.
އީޝާ މިހެންބުނެފައިވާއިރު އިންޑިއާގެ އެންމެ ސައްހަ ނޫސްޔަކުންވެސް ޔަގީން ކަމާއެކު ދަރޭ މަރުވިކަމަށް ރިޕޯޓުކޮށްފައެވެ.
އުމުރުން 89 އަހަރުގެ ދަރަމެންދުރަ، ނޮވެމްބަރު 10 ވަނަ ދުވަހުން ފެށިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް، އާއިލާއާ ގާތް މަސްދަރުތަކުން އެންޑީޓީވީއަށް މައުލޫމާތު ދީފައިވެއެވެ. ނޭވާލާން އުނދަގޫވެގެން ހަފްތާއެއްހާ ދުވަސް ކުރިން އޭނާ ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. މިއަހަރުގެ އޭޕްރީލް މަހު ދަރަމެންދުރައަށް ވަނީ ލޮލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ހޯމަ ދުވަހު އޭނާގެ ހާލު އިތުރަށް ގޯސްވެ، މިވަގުތު ހާލުކޮޅު ނާޒުކެވެ.
މިއަދު ހެނދުނު ދަރަމެންދުރަ މަރުވެއްޖެ ކަމަށް މީޑިއާތަކުން ޚަބަރުތައް ފެތުރިތާ 4،5 ގަޑިއިރު ތެރޭ އޭނާގެ ދަރިފުޅު އީޝާ ޑިއޯލް ވަނީ އިންސްޓަގްރާމް ޕޯސޓެއް ނެރެފައެވެ. އީޝާ ބުނެފައިވަނީ އޭނާގެ ބައްޕަގެ ހާލު “ރަނގަޅުކަމަށާއި އަދި ބަލިކޮޅުން ރަނގަޅުވަމުން އަންނަ” ކަމަށެވެ.
އީޝާ ޑިއޯލް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ: “މީޑިއާތަކުން ވަރަށް ބޮޑަށް ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް ފެނެއެވެ. އަޅުގަނޑުގެ ބައްޕަގެ ހާލުކޮޅު ރަނގަޅުވެ، ބަލިން ރަނގަޅުވަމުން ދަނީއެވެ. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ އާއިލާއަށް ޕްރައިވަސީ ދިނުމަށެވެ. ބައްޕަގެ އަވަސް ޝިފާއަށް ދުޢާކޮށްދެއްވުމަށްޓަކައި ޝުކުރިއްޔާއެވެ.” އީޝާ ވަނީ މި ޕޯސްޓަށް ކޮމެންޓް ކުރުމުގެ ފުރުސަތުވެސް ބަންދުކޮށްފައެވެ.
ދަރަމެންދުރައަށް ހޮސްޕިޓަލްގައި ޒިޔާރަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އޭނާގެ ދެވަނަ އަނބިކަނބަލުން، މަޝްހޫރު އެކްޓްރެސް އަދި ބީޖޭޕީގެ މެންބަރު ހެމާ މާލިނީ، ދަރިފުޅު ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް، އަދި ކާފަ ދަރިފުޅު ކަރަން ޑިއޯލް އާއި ރާޖްވީރު ޑިއޯލް ހިމެނެއެވެ. ފަހުން، ހެމާ މާލިނީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ދަރަމެންދުރަގެ ސިއްހީ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އެ މައުލޫމާތުގައި ވަނީ: “ދަރަމް ޖީއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށްޓަކައި ކަންބޮޑުވެ، ހާލު ބައްލަވައިލެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އޭނާގެ ހާލު މޮނިޓަރ ކުރަމުންދާ ކަމަށާއި، އަޅުގަނޑުމެން އެންމެން އޭނާއާއެކު ހިމެނޭނެ ކަމަށެވެ. އޭނާގެ ހެޔޮއެދުމާއި އަވަސް ޝިފާއަށް ދުޢާކޮށްދެއްވުން އެދެމެވެ.” މިއީ އިއްޔެގެ ޕޯސްޓެކެވެ.

