ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އައްޑު އަތޮޅު ގަމަށް އުފަން މޫސާ އަންވަރު (ތުއްތީދީ) އަށް، ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފިއެވެ. މި ޝަރަފު އޭނާއަށް އަރުވާފައިވަނީ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ގާތްގަނޑަކަށް 40 އަހަރަށްވުރެ ގިނަ ދުވަސްކުރިން މޫސާ އަންވަރުގެ ސިއްހީ ހިދުމަތުގެ ދަތުރު ފެށިފައިވާއިރު، އޭނާގެ ހިދުމަތްތަކުގެ ތެރޭގައި މުހިންމު ތަފާތުތަކެއް ފާހަގަކުރެވެއެވެ.
- ގަމުގައި އިނގިރޭސިން އުޅުނު ދުވަސްވަރު، އެންމެ 16 އަހަރުގައި، ރޯޔަލް އެއާފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި މަސައްކަތްކުރަން ފެށީ، އިނގިރޭސި ބަހަށް ފަރިތަކަމުގެ ސަބަބުން ލިބުނު ފުރުސަތެކެވެ.
- ދައުލަތަށް ހިދުމަތްކުރަން ފެށީ 1970 ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގެންނެވުމަށްފަހުއެވެ.
- އެލައިންޑް ހެލްތް މެޑިކަލް ސެންޓަރުގެ ޕްރެކްޓިކަލް ނާސް ޓީޗަރުކަމުގެ މަގާމުން ފެށި މި ދަތުރުގައި، އޭނާ ވަނީ ގިނަ އަދަދެއްގެ ނަރުހުން، ކޮމިއުނިޓީ ހެލްތް ވޯކަރުން، ފެމެލީ ހެލްތް ވޯކަރުން، އަދި ފާމަސީ އެސިސްޓެންޑުން ތަމްރީންކުރައްވާފައެވެ.
- އޭރު ހިދުމަތުގައި ތިބި ފޫޅުމައިންނަށް ޒަމާނީ ތަމްރީންތައް ދެއްވައި، އެކި ތަމްރީން ކޯސްތައް ފުރިހަމަކުރާ ކުދިންނާއިއެކުގައި އަމަލީ ގޮތުން ވެސް މަސައްކަތް ކުރައްވާފައިވެއެވެ.
- މޫސާ އަންވަރު ވަނީ ސިއްހީ ވުޒާރާގައި އެކި މަގާމުތަކުގައި ހިދުމަތް ކުރައްވާފައެވެ.
- މި ދުވަސްވަރު، އެކި އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށް ސަރުކާރުން ކުރެއްވި ގިނަ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސެންޓްރަލް ހޮސްޕިޓަލްގެ ހިދުމަތްތައް އައިޖީއެމްއެޗްއަށް ބަދަލުކުރުމުގެ މަރުހަލާގައި، އެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ހޮސްޕިޓަލަށް ބޭނުންވާ ނަރުހުންނާއި، ޑޮކްޓަރުން ހޯދުމުގަޔާއި، ހޮސްޕިޓަލްގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މީހުން ތަމްރީންކުރުމުގެ މަސައްކަތުގައި ވެސް މޫސާ އަންވަރު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.
- އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ.
މޫސާ އަންވަރު ވަނީ ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ނުހުއްޓި ހިދުމަތް ކުރައްވާފައެވެ. އެހެންކަމުން، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އޭނާ ކުރެއްވި ގުރުބާނީއާއި ހިދުމަތްތަކުގެ އަގުވަޒަންކޮށް، މި މަތިވެރި ޝަރަފު ލިބިވަޑައިގަތުމަކީ އޭނާގެ ދިގު ހިދުމަތަށް ލިބުނު ފުރިހަމަ ގަދަރެކެވެ.

