ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތުގެ އެންމެ މަތީ ޢިއްޒަތް ކަމުގައިވާ ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު، އައްޑޫ އަތޮޅު ހުޅުދޫއަށް އުފަން މ. ޝުއާސް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މި ޝަރަފު އެރުވީ، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތަކަށް އެނާ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއަރުވައި، ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް އިޤްތިޞާދު ބިނާކުރެއްވުމަށް މުޙައްމަދު ޞާލިޙް ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޞާލިޙް ވަނީ ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފްކޮށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މުޙައްމަދު ޞާލިޙްގެ ޚިދުމަތް ފެށިފައިވަނީ 1951 ވަނަ އަހަރު އައްޑޫގައި ހުރި ރޯޔަލް އެއަރފޯސްގައި 15 ވަރަކަށް އަހަރު ޚިދުމަތްކުރެއްވުމުންނެވެ. އޭގެ ފަހުން އެންމެ ފުރަތަމަ ކާގޯ ކްލިއަރެންސްގެ މަސައްކަތާއި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރެއްވިއެވެ. އެ މުއްދަތުގައި އެއްކުރެވުނު ފައިސާއިން "އަލްޓަރފް" ގެ ނަމުގައި ފުރަތަމަ ކުންފުނި އުފައްދަވައި، ފަތުރުވެރިކަމުގެ ދާއިރާއިން ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް އިސްކަންދެއްވައި، ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމެއް ތަޢާރަފްކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ރީޓެއިލް އަދި ހޯލްސޭލްގެ އެކި ވިޔަފާރިތައް ކުރައްވާފައިވާއިރު، 2000 ވަނަ އަހަރު "ދަމާސް" އުފައްދަވާ ވިޔަފާރި ފުޅާކުރެއްވިއެވެ. ޚާއްސަކޮށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން ގެނައުމުގައި ޞާލިޙްގެ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރައްވައެވެ.
އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ފުރަތަމަ ސަރުކާރުން އުފެއްދެވި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވީ ވެސް މުޙައްމަދު ޞާލިޙެވެ. އަދި އުފަން އަތޮޅުކަމުގައިވާ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް "ހެރެތެރެ" ވުޖޫދުކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މީގެއިތުރުން، ސަރކްގެ ވިޔަފާރިވެރިންނަށް ދިވެހި ވިޔަފާރިވެރިން ތަޢާރަފްކޮށްދެއްވާ، ޤައުމުތަކުގެ މެދުގައި މުހިއްމު ވިޔަފާރީގެ ގުޅުންތައް ބިނާކުރެއްވުމުގައި ވެސް އެނާ ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.
ވިޔަފާރީގެ ދާއިރާގެ އިތުރުން ޞާލިޙް ވަނީ ޚިދުމަތުގެ ދާއިރާ ފުޅާކުރައްވާ 2012 ވަނަ އަހަރު "މެޑިކާ" ގެ ނަމުގައި ޞިއްޙީ ޚިދުމަތް ފައްޓަވާފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާކުރެއްވުމާއި، ސްކޫލްތަކުގައި ނަމާދުގެތައް ޤާއިމްކުރެއްވުމުގެ މަސައްކަތްތައް ވެސް ވަނީ ކޮށްދެއްވާފައެވެ. ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ބައި ޤަރުނުކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، ދައުލަތުން ވަނީ 2022 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ 50 އަހަރު ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި "ޕްރެޒިޑެންޓްސް ޓުރިޒަމް ގޯލްޑް އެވޯޑު" ވެސް އެނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މިއަހަރު ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްސަ އެވޯޑެއް ވެސް ދެއްވާފައެވެ.

