ކުޑަ ފިރިހެން ކުއްޖަކަށް ޖިސްމާނީ އަދި ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުގައި، އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ މާލެ ސަރަހައްދުގައި ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. އެގޮތުން ކުޑަ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން ބަނގުރާ ބޭނުން ކޮށްގެން ހުރެ ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން 50 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަވަމުންނެވެ.

