ފުވައްމުލަކު ސިޓީގެ ފެނުގެ ޚިދުމަތަށް ދިމާވެފައިވާ މައްސަލަ ކުރިއަށް އޮތް 6 ގަޑިއިރުގެ ތެރޭގައި ހައްލުކޮށް، ފެން ދޫކުރަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ފެނުގެ ސަޕްލައި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވި މި މައްސަލަ ހައްލުކޮށް، ރައްޔިތުންނަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުވައްމުލައް ސިޓީގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މައްސަލަ ކުރިމަތިވުމާއެކު ދިވެހި ސިފައިން ވަނީ ކަނޑާއި ވައިގެ މަގުން ފުވައްމުލަކަށް ބޯފެން ފޯރުކޮށްދިނުމާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
ފުވައްމުލަކުގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ވައިގެ މަގުން ފަސް ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވަނީ ފުވައްމުލައް ސިޓީއަށް ގެންގޮސްފައެވެ. މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާއިރު، އިތުރު ބޯފެން މިހާރު ވަނީ އެ ސިޓީއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން ވަނީ ފެނުގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ފެން ރައްކާކުރާ ތާނގީތައް ސާފުކޮށް، ފްލަޝްކުރުމަށްފަހު، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު، ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަން ފަށާނެ ކަމަށެވެ. ހީނާ ވަލީދު އިތުރަށް ވިދާޅުވީ، ފުވައްމުލަކަށް މި ވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

