ދިވެހިރާއްޖެއިން ޙައްޖުގެ އަޅު ކަމަށް ވަޑައިގަންނަވާ ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދާއިމީ ގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ޙައްޖުގެ ދަތުރު މާބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މިކަން ހަމަޖައްސާފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ސަޢުދީގެ ހައްޖު މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީއާއި، އޭވިއޭޝަނާއި، އިމިގްރޭޝަނާއި، ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ރާއްޖެއަށް މައްކާ ރޫޓުގެ ޚިދުމަތް ދާއިމީކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމުގައި، މިދިޔަ އަހަރު ރާއްޖެއަށް މައްކާ ރޫޓުގެ ތަޖުރިބާގެ ފަހަރު ދިނުމުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރުގެ މުއައްސަސާތަކުން ކަމަށްވާ އެއަރޕޯޓާއި ކަސްޓަމްސްއާއި އިމިގްރޭޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި، މިކަމަށް ދެއްވި މުހިންމުކަން ސަޢުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.
ދާއިމީ ގޮތެއްގައި މައްކާ ރޫޓު ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ޚިދުމަތުގެ ސަބަބުން ޙައްޖުވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެއެވެ. އަދި ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމުގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރަޖިސްޓަރކޮށް، ބޯޑިންގ ޕާސް ވަގުތުން ލިބޭނެ ގޮތްވެސް ވަނީ ފަހިވެފައެވެ.
މި ޚިދުމަތުގެ ދަށުން، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމި، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމްވެފައިވެއެވެ. މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ލިބިގެންދާނެއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީ ކޮށްދެއްވައި، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަ ކަމެއް ހޯދައިދެއްވި ކަމަށްޓަކައި، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަލް ސަޢުދަށާއި، ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދީގެންނެވެ. މައްކާ ރޫޓް އިނިޝިއޭޓިވްއަކީ، 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި، އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. މިއީ، ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.

