ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑޮކްޓަރ ޢާމިނަތު ޒާހިރުއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީ.އެޗް.ޑީ ދިވެހި ބަހުން ހާސިލު ކުރެއްވުމާ ގުޅިގެން ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޑޮކްޓަރ އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ޚިދުމަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުންގެންދާކަން ފާހަގަކުރައްވަމުން، މިގޮތުން އިސްކަން ދެއްވަމުން ގެންދާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ޑޮކްޓަރ އާމިނަތު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި މި ފުރުޞަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމުގައިވެސް ޑރ. އާމިނަތު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމްވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ދިވެހިބަސް ކުރިއެރުވުމަށާއި، ދިވެހިބަހުގެ ރޮނގުން މީހުން ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދެއްވާ އަހައްމިއްޔަތު ޝުކުރުވެރިކަމާއެކުގައި ފާހަގަކުރެއްވިއެވެ.
ޑޮކްޓަރ އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ޢަމަލުކުރަންވީ ގޮތްތައް ދެނެގަތުމެވެ. މި ބައްދަކުރެއްވުމުގައި، އޭނާވަނީ އެ ދިރާސާގެ ތީސީސްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.
ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޑޮކްޓަރ އާމިނަތު ޒާހިރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހެނދުނު ބޭއްވެވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ހަނދާނީ ފިލައެއް އަރުވައި، ޝަރަފުވެރިކޮށްފައެވެ.

