މާލެ މިސްކިތެއްގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލި ޒުވާނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، މާލޭގެ މަސްޖިދު އަލް-ސުލްތާން ހަސަން އިއްޒުދީންގެ ބައެއް ކުޑަދޮރުތަކުގައި ބިއްލޫރިގަނޑު ތަޅާލުމާއި މިސްކިތަށް ގެއްލުން ދިން މައްސަލައެއް މިއަދު ހެނދުނު 7:02 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމާއެކު ތަހުގީގު ފެށި ކަމަށާއި ތަހުގީގަށް ޒުވާނަކު ފުލުހަށް ގެންދިޔަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 24 އަހަރުގެ ޒުވާނާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އާއިލާއާ ހަވާލުކުރި ސަބަބެއް ބުނެފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

