މާލޭގެ މުހިންމު މަގެއް ކަމަށްވާ ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ %85 މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއެކެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވޭނެއެވެ.
އެމްޓީސީސީން ދެއްވި އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ސެގްމެންޓް އެކެއްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ. ސެގްމެންޓް އެކެއްގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ ސަރަހައްދެވެ. މިހާރު ކުރިއަށްދަނީ މަގުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި ސެގްމެންޓް އެކެއްގެ މަސައްކަތް ނިންމުމަށްޓަކައި ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި މަގުގައި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި، (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއަކީ ޖުމްލަ 144,509,024.16 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މަގު ތަރައްގީ ކުރުމުގެ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގައެވެ.

