ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަވާލުވެފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް "އެސްއެމްއީ ޑިޖިޓަލް"ގެ ނަމަށް ރީބްރޭންޑްކޮށް، ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށްފިއެވެ. މި ބަދަލާއެކު މިހާރު އެސްއެމްއީ ޑިޖިޓަލް ހިނގަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދަށުންނެވެ.
ކުންފުނީގެ ނަން ބަދަލުކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ހިއްސާދާރުންގެ ޚާއްސަ އާންމު ޖަލްސާގައި ފާސްކުރިއެވެ. އެއަށްފަހު، މިހާރު އިޤްތިޞާދީ ވުޒާރާގައި މި ނަން ރަޖިސްޓްރީކޮށްފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ، ރާއްޖޭގެ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ޚިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ކުންފުނީގެ ނަމަށް އައި މި ބަދަލާއެކު، ހަމައެކަނި ފައިނޭންސިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުޢާމަލާތްތައް ބެލެހެއްޓުމަށާއި، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، މާކެޓަށް ނިކުތުމަށް މަގުފަހި ކުރުމަށްވެސް ޚިދުމަތްތައް ބައްޓަންކުރެވޭނެއެވެ. މިބަދަލާއެކު، ވިޔަފާރީގެ އެކި މަރުހަލާއަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ވެގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދި ފަހުން ބަދަލުވުމަށްފަހު، ބީއެމްއެލްއާއިއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން، ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕާއި އޭޕީއައި އިން ގުޅުވާލައި، ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތްވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައިއެވެ.
ރީބްރޭންޑިންގއާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މި އެޕްގެ ތެރެއިން ކަސްޓަމަރުންގެ ޕްރޮފައިލްގެ މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންގ ފެސިލިޓީތަކުގެ މައުލޫމާތު ލިބެން ހުންނާނެއެވެ. މީގެ އިތުރުން، މުޅި ރާއްޖެއަށް ހުޅުވާލެވޭ ޑިޖިޓަލް މާކެޓްޕްލޭސްއެއް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރުމަށްވެސް އެކުންފުނިން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކާއި، އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ މަގެއް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
ރީބްރޭންޑިންގއާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ރީބްރޭންޑިން އަކީ އީޖާދީ ޙައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި، އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުގެ ފެށުމެއް ކަމަށެވެ. މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫންކަން ފާހަގަކުރައްވައި، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މަޢުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވާކަމަށް ބަދުރުއްދީން ވިދާޅުވިއެވެ. އެސްއެމްއީ ޑިޖިޓަލްއިން މި ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލް އަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ، އެންމެ ޒަމާނި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، އިސްލާމީ ޝަރީޢާއާއި އެއްގޮތްވާގޮތަށް ޤާއިމުކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ. މި އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީއާއި އަލަށް ތައާރަފްކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު، ތަފާތު މަރުޙަލާތަކެއްގެ ތެރެއިން ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ވިދާޅުވިއެވެ.

