ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ފައިސާ ޓްރާންސްފަރ ކުރުމަށް ފަސޭހަ އަދި އަވަސް ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން “ޕޭއެމްވީ ކިއުއާރު” (PayMV QR) ގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އައު މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫޢުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކުގެ މަގާމު ބީއެމްއެލްއަށް ލިބުނު ކާމިޔާބީއެކެވެ.
މި އާ ފީޗާގެ ސަބަބުން ބޭންކުގެ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެއެވެ. މިއީ މާލީ މުޢާމަލާތްތައް އަވަސްކޮށްލާނެ ޒަމާނީ ގޮތެކެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ޚިދުމަތް ތަޢާރަފުކުރުމަކީ ރާއްޖޭގެ ޕޭމަންޓް ޓެކްނޮލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑަރޑްއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދުދީފައިވާ ކަމަށެވެ. “ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާ ގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް،” ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މި އާ ޚިދުމަތާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
“މިއަދުން ފެށިގެން ކިއުއާރ ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރ ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ،” މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ފުޅާވެފައިވާ ބޭންކިންގ ވިއުގައެއްގެ ދަށުން، ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
42 ބްރާންޗާއި، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ޚިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު މާލީ ޚިދުމަތްދޭ އިދާރާއެވެ.

