މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީން) އިން ވަނީ މޯލްޑިވްސް އިމިގްރޭޝަނުން އީ-ވިސާ ތައާރަފްކޮށް، އެ އިދާރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރާއި ތަހުނިޔާ ދަންނަވައިފިއެވެ.
މަސީންއިން މިކަން ފާހަގަކުރައްވާފައިވަނީ އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީން) އިން ވިދާޅުވެފައިވަނީ، އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އިމާރާތްކުރުމުގެ ދާއިރާގެ ހިންގުން ފަސޭހަވެ، މަސައްކަތްތައް އަވަސްވެގެންދާނެ ކަމެއްކަމަށެވެ.
މަސީންއިން ވަނީ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ދެއްވާ ސަމާލުކަމާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހާއި، އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތުން މިކަންކަމަށް ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް މަސީންއިން ވަނީ ދެއްވާފައެވެ.
ޚާއްސަކޮށް، ބިދޭސީންގެ މަޢުލޫމާތު އެކުލެވޭ އެޕްލިކޭޝަނާއި، އީ-ވިޒާގެ ނިޒާމަކީ ރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކަށް ނުހަނު ބޭނުންތެރި ޚިދުމަތްތަކެއްކަމަށް މަސީންއިން ފާހަގަކުރެއެވެ. އެ އެސޯސިއޭޝަނުން ވަނީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ ކުރިން ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ދޫކުރާ ވިޒާގެ ކަންކަން ކުރުމަށް ވަރަށް ގިނަ ވަގުތު ނަގާކަމަށް ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، އަލަށް ތަޢާރަފްކުރި “އީ-ވިޒާ” ގެ ޚިދުމަތާއެކު، ވިޒާގެ ކަންކަން ކުރުމަށް އިމިގްރޭޝަނަށް ދާން ޖެހުން ނިމުމަކަށް އައިސް، ފަސޭހަކަމާއެކު އޮންލައިންކޮށް ވިޒާގެ އެންމެހާ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މަސީންއިން ބުނެފައިވާ ގޮތުގައި، މި ޑިޖިޓަލް ބަދަލަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކަށާއި، ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް މަސީންއިން ވަނީ ޝުކުރު ދަންނަވާފައެވެ.

