ހަ އަތޮޅެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ޝަޢުގުވެރިވާ ކުންފުނިތައް ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކެކެވެ.
އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މިފަހަރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ހުޅުވާލާފައިވަނީ ހދ. އަތޮޅު، ށ. އަތޮޅު، ލ. އަތޮޅު، ރ. އަތޮޅު، ޅ. އަތޮޅު އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން މި އަތޮޅުތަކުގެ ޖުމްލަ 10 ރަށެއްގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު މި އިޢުލާނުގައި ހިމެނެއެވެ.
މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމަށް އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އީއޯއައި ހުށައަޅަންޖެހެނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ.
ސަރުކާރުން ވަނީ މިހާތަނަށް ރާއްޖޭގެ އަތޮޅުތަކުގެ ޖުމްލަ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް އިޢުލާނުކޮށްފައެވެ. މިއީ 12,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ހިމެނޭ ބޮޑު މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ ރަށްތަކަށް ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާއިރު، މިހާރު ގެންދަނީ ކޮންޓްރެކްޓަރުންނާ މަޝްރޫޢުތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން، މިމަހުގެ 6 ވަނަ ދުވަހު، ރާއްޖޭގެ 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދިވެހި ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގައި ދެން ހިމެނޭ ރަށްތަކަށްވެސް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތްތައް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މިހާރު އިޢުލާނުކޮށްފައިވާ 57 ރަށުގެ އިތުރަށްވެސް، ބޯހިޔާވަހިކަމުގެ އިތުރު ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ކުރިއަށްގެންދާނެކަމަށެވެ.
މިއަހަރާއި އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައިވެސް ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އިޖުތިމާޢީ ދާއިރާތަކުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރައްޔިތުންނަށް ހިފެހެއްޓެނިވި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

